Last Updated: March 29, 11:09
Friday, March 29, 2024
މުނިފޫހިފިލުވުން

މުސްތަފާ އަލުން ފިލްމެއް ހައްދަވަނީ

ރާއްޖޭގެ ފިލްމު އިންޑަސްޓްރީގެ ބިންގާ އެޅުމުގައި އިސް ރޯލެއް އަދާކުރެއްވި ކުރީގެ ޑައިރެކްޓަރު/ޕްރޮޑިއުސަރު މުހައްމަދު މުސްތަފާ ހުސައިން އަލުން ފިލްމެއް އުފައްދަވަން ނިންމަވައިފި އެވެ.

މި ވާހަކަ މިދިޔަ ހަފުތާގައި މޯލްޑިވްސް ފިލްމް އެސޯސިއޭޝަން (އެމްއެފްއޭ) ގެ ހިންގާ ކޮމެޓީ އިންތިހާބުގެ ޖަލްސާގައި ވެސް އޭނާ ހިއްސާކުރައްވާފައިވެ އެވެެ. އަދި މުނިފޫހި ޚަބަރުތައް ގެނެސްދޭ އޮންލައިން ނޫސް، މުނިއަވަސްގެ ޕްރޮގްރާމަކަށް ދެއްވި އިންޓަވިއުއެއްގައި ވެސް މުސްތަފާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ވަރަށް ގިނަ އަހަރުތަކެއްގެ މެދުކެނޑުމަކަށް ފަހު ހަދަން ނިންމަވާފައިވާ ފިލްމުގެ މަސައްކަތް އަންނަ މަހުގެ ތެރޭގައި ފައްޓަވާނެ ކަމަށެވެ. އަދި އެއަށް ކާސްޓުން ވެސް ހަމަޖައްސާފައިވާ ކަމަށް ވިދާޅުވި އެވެ. އެކަމަކު ފިލްމުގެ ނަން މުސްތަފާ ހާމަނުކުރެއްވި ނަމަވެސް އޭގެ ޕްލޮޓާ ބެހޭ ގޮތުން އޭނާ ބައެއް ވާހަކަތައް ހިއްސާކުރައްވާފައިވެ އެވެ.

މުސްތަފާ ވިދާޅުވި ގޮތުގައި އޭނަގެ އާ ފިލްމުގެ ޕްލޮޓް އެނބުރޭނީ ރާއްޖޭގައި އުޅޭ ބަންގްލަދޭޝް މީހަކާ ކައިވެނިކުރާ އަންހެނަކަށް ދިމާވާ ކަންތައްތަކެކެވެ. އަދި މިއީ ހަގީގީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް ހައްދަވާ ފިލްމެއް ކަމަށް ވެސް ވިދާޅުވި އެވެ.

"މިއީ ރާއްޖޭގެ މީހަކަށް ދިމާވި ހަގީގީ ހާދިސާއަކާ ގުޅުންހުރި ފިލްމެއް. މީގައި އަލިއަޅުވާލާފައި ވާނީ ބަންގްލަދޭޝް މީހުންނާ ދިވެހި އަންހެނުންނާ ކައިވެނިކޮށްގެން ދިމާވާ މައްސަލަތަކެއް،" މުސްތަފާ ވިދާޅުވި އެެވެ. "ބަންގްލަދޭޝް ފިރިހެނެއް ހަރުކުލައިގެ އަންހެނަކާ އިނދެގެން އޭނާގެ ދިރިއުޅުމަށް ދިން ގެއްލުންތައް މި ފިލްމުން ދައްކުވައި ދޭނެ."

ރާއްޖޭގައި އެންމެ ފުރަތަމަ ފިލްމު ހެއްދެވި އެއް ބޭފުޅަކީ މުސްތަފާ އެވެ. އެގޮތުން އޭނަގެ "ތިން ފިޔަވަޅު" އަކީ ދިވެހިންގެ ތެރޭގައި ވަރަށް މަޝްހޫރުވި ފިލްމެކެވެ. މުސްތަފާ އެންމެ ފަހުން ބެލުންތެރިންނަށް ގެނެސްދެއްވި ފިލްމަކީ 1993 ގެ "އިމްތިހާން" އެވެ. އޭނަ ހައްދަވާފައި އެކަމަކު ރިލީޒްނުކޮށް ވެސް ފިލްމެއް އެބައޮތެވެ. އެއީ "ނަތީޖާ" އެވެ.

އާންމުން ވަރަށް ގަދަރުކުރާ ޝަހުސިއްޔަތެއްގެ ގޮތުގައި ފާހަގަކޮށްލެވޭ އަދި މަޝްހޫރު ބޮޑުފެންވަޅުގޭ އާއިލާ އަށް ނިސްބަތްވެވަޑައިގަންނަވާ މުސްތަފާ އަކީ ކުރިން ސަރުކާރުގެ ވަރަށް އިސް މަގާމުތަކެއް ވެސް އަދާކުރެއްވި ބޭފުޅެކެވެ. އޭގެ ތެރޭގައި މިނިސްޓަރުކަމާއި ސަފީރުކަން ވެސް ހިމެނެ އެވެ.