Last Updated: April 25, 21:20
Thursday, April 25, 2024
މުނިފޫހިފިލުވުން

ފިލްމުތައް ބޮއިކޮޓްކުރަން ގޮވާތީ އަރުޖުން ރަތަށް

ބޮލީވުޑާއި އެ އިންޑަސްޓްރީގެ ފިލްމުތައް ބޮއިކޮޓްކުރަން ސޯޝަލް މީޑިއާގައި ކެމްޕޭނުތައް ހިންގާތީ އެކްޓަރު އަރުޖުން ކަޕޫރް ރުޅިދަގަވެއްޖެ އެވެ.

ބޮލީވުޑް ހަންގާމާ އަށް ދިން އިންޓަވިއުއެއްގައި އޭނާ ބުނީ ކަންތައް މިހާރު މާ މައްޗަށް ދަނީ ކަމަށާއި ބޮލީވުޑަށް ދެކޮޅަށް ބަޔަކު ބޭނުންވާހާ ގޮތަކަށް މިހާރު ކަންތައް ކުރަނީ އިންޑަސްޓްރީ އެކަމާ އަޅާނުލައި ހިމޭނުން އޮންނާތީ ކަމަށެވެ. އަދި އެކަމުގެ ނާޖާއީޒު ފައިދާ ނަގައިގެން ޓްވިޓާ ފަދަ ޕްލެޓްފޯމްތަކުގައި #ބޮއިކޮޓް ބޮލީވުޑް ފަދަ ހޭޝްޓެގްތަކާ އެކީ އިންޑަސްޓްރީއާ ދެކޮޅަށް ބަޔަކު މީހުން މިހާރު ހުއްޓުމެއް ނެތި މަސައްކަތްކުރަމުންދާ ކަމަށް ބުންޏެވެ.

އަރުޖުން ބުނި ގޮތުގައި މިކަމަކީ ކޮންމެވެސް ގޮތަކުން ހުއްޓުވަން ޖެހޭ ކަމެކެވެ. އަދި އިންޑަސްޓްރީ އާއި އޭގެ ފިލްމުތަކާއި ފިލްމު ކުޅޭ މީހުން ބޮއިކޮޓްކުރަން ގޮވާލައި، އެ މީހުންގެ މަސައްކަތްތަކާއި ވިޔަފާރި ހަލާކުކުރަން ފުރުސަތު ދީގެން ތިބެވެން ނެތް ކަމަށް ވެސް އޭނާ ބުންޏެވެ.

"ހަގީގަތުގައި ކަންތައް މިހާރު މާ މައްޗަށް މި ދަނީ. މިއީ އިންސާފުން ހިނގާ ކަމެއް ވެސް ނޫން. އެހެންވީމާ ބޮލީވުޑާ ދެކޮޅަށް ހިންގާ ކެމްޕޭންތައް ހުއްޓުވަން ޖެހޭ." އަރުޖުން ބުންޏެވެ.

އޭނަ ބުނި ގޮތުގައި ބައެއް ތަރިންނާ ޒާތީ ގޮތުން ދިމާކޮށްލައި އެ މީހުންގެ ފިލްމުތައް ހަލާކުކުރަން ބަޔަކު މަސައްކަތްކުރުމަކީ ވަރަށް ހިތާމަހުރި ކަމެކެވެ.

"ފިލްމުތައް ހަގީގަތުގައި ބެލުންތެރިންނަށް ކަމުދަނީ ވަކި މީހަކު ނޫނީ ނަން މަޝްހޫރު މީހަކު އެ އެއްޗެހީގައި އުޅެގެނެއް ނޫން،" އަރުޖުން ބުންޏެވެ. "ފިލްމުތައް ބަލައިގަންނަނީ އޭގެ ކޮންޓެންޓަށް ބިނާކޮށް. އެހެންވީމަ ވަކި ބައެއްގެ ފިލްމުތަކާ ދެކޮޅަށް ހޭޝްޓެގް ހަދައިގެން ފިލްމުގެ ވިޔަފާރި ހަލާކުކުރަން ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން. މިކަން ހުއްޓުވަން އެބަޖެހޭ މަސައްކަތްތަކެއް ކުރަން."

ބޮއިކޮޓްކުރަން ގޮވާލުމުގެ ސަބަބުން މި މަހުގެ 11 ގައި ރިލީޒްކުރި އާމިރު ޚާންގެ "ލާލް ސިންގް ޗައްޑާ" އާއި އަކްޝޭ ކުމާރުގެ "ރަކްޝާ ބަންދަން" ގެ ވިޔާފާރި އަށް ވެސް ވަރަށް ބޮޑޫ އަސަރެއްކޮށް، އިންޑިއާގެ ބައެެއް ހިސާބުތަކުގެ ސިނަމާތަކުގައި އެ ފިލްމުތަކުގެ ޝޯތައް ދެއްކުން މަދު ވެސް ކޮށްފައިވެ އެވެ. މި ދެ ފިލްމުގެ ޕްރޮމޯޝަންތައް ފެށުމާ އެކީ ޓްވިޓާގައި ދެ ފިލްމަށް ހޭޝްޓެގް ހަދައިގެން އެންޓި-ކެމްޕޭން ބަޔަކު ކޮށްފައިވެ އެވެ.

އަދި މިހާރު ބޮއިކޮޓްކުރަން ގޮވައިލާ ފިލްމުތަކުގެ ތެރޭގައި އަންނަ މަހުގެ 9 ގައި ރިލީޒްކުރާ ރަންބީރް ކަޕޫރްގެ "ބުރައްމަސްތުރާ" އާއި އަންނަ މަހުގެ 30 ގައި ރިލީޒްކުރާ ރިތިކް ރޯޝަންގެ "ވިކްރަމް ވޭދާ" އާއި އަންނަ އަހަރު ރިލީޒްކުރަން ހަމަޖެހިފައިވާ ޝާހްރުކް ޚާންގެ "ޕަތާން" ހިމެނެ އެވެ.

ފިލްމުތައް ބޮއިކޮޓްކުރަން ގޮވާތީ އަންނަ ހުކުރު ދުވަހު ރިލީޒްކުރާ "ދުބާރާ" ގެ ޑައިރެކްޓަރު އަނޫގާރާގް ކޭޝަޕް ވެސް އެކަމާ ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ. ބޮއިކޮޓްކުރަން ގޮވާ މީހުންނަށް އިޝާރާތްކޮށް އޭނާ މަޖާޒީކޮށް ބުނީ ބޮއިކޮޓްކުރަން ގޮވުމަކުން ފިލްމުތަކަށް ވާނެ ގެއްލުމެއް ނެތް ކަމަށާއި "ދުބާރާ" ވެސް ބޮއިކޮޓްކުރަން ގޮވަން އެދޭ ކަމަށާއި އޭރުން އެ ޓްރެންޑްގެ ސަބަބުން ފިލްމަށް ލިބޭ ސަމާލުކަން ބޮޑުވާނެ ކަމަށެވެ.

ބޮލީވުޑާ ދެކޮޅަށް މި ފަހުން އެންޓި-ކެމްޕޭންތަކެއް ފެށުނީ 2020 ގައި އެކްޓަރު ސުޝާންތު ސިންގް ރާޖްޕޫތު އަމިއްލަ އަށް ދަންޖެހިގެން މަރުވި ހާދިސާ އަށް ފަހު އެވެ. އެ މަރުގެ ތުހުމަތު ބޮލީވުޑްގައި އަޅުވައި، އިންޑަސްޓްރީ އާއި އޭގެ ނުފޫޒު ގަދަ ބައެއްގެ ބޮލުގައި އަސާސެއް ނެތް އެތައް ތުހުމަތުތަކެއް އަޅުވާފައިވެ އެވެ.