Last Updated: April 25, 22:42
Thursday, April 25, 2024
މުނިފޫހިފިލުވުން

"ޓްރޯއި" ގެ ޑައިރެކްޓަރު މަރުވެއްޖެ

ބްރެޑް ޕިޓްގެ ކެރިއަރުގެ އެންމެ ފާހަގަކޮށްލެވޭ ފިލްމުތަކުގެ ތެރޭގައި ހިމެނޭ 2004 ގެ "ޓްރޯއި" ގެ ޑައިރެކްޓަރު ވުލްފްގަންގް ޕީޓަސެން މަރުވެއްޖެ އެވެ.

ޖަރުމަނަށް އުފަން އުމުރުން 81 އަހަރުގެ ޑައިރެކްޓަރުގެ ފިލްމު ކުންފުނިން މި މަހުގެ 12 ގައި އޭނަ މަރުވި ވާހަކަ ހިއްސާކުރި ނަމަވެސް އެކަމާ ބެހޭ އިތުރު ތަފުސީލެއް ހާމައެއްނުކުރެ އެވެ. އެކަމަކު އޭނާ މަރުވީ ކެންސަރަށް ފަރުވާ ހޯދަމުން އަންނަތާ ގިނަ ވަސްތަކެއް ފަހުން އެމެރިކާގެ ލޮސް އެންޖެލިސްގަ އެވެ.

ވުލްފްގަންގްގެ މަރާ ގުޅިގެން ގިނަ ބަޔަކު ޓްވިޓާގައި ހިތާމަފާޅުކޮށް، އޭނަގެ ބައެއް ހަނދާންތައް ވެސް އާކޮށްފައިވެ އެވެ.

ވުލްފްގަންގް އަކީ ދެވަނަ ބޮޑު ހަނގުރާމަ އަށް ބިނާކޮށް ހެދި 1981 ގެ ފިލްމު "ޑާސް ބޫޓް" އިން އެންމެ މޮޅު ޑައިރެކްޓަރާއި އެންމެ މޮޅު އެޑަޕްޓެޑް ސްކްރީންޕްލޭގެ ނޮމިނޭޝަން ވެސް ހޯދި މީހެކެވެ. އޭނަގެ އެހެން ފިލްމުތަކަށް ވެސް އޮސްކާގެ އެކިއެކި ނޮމިނޭޝަންތައް، ބައެއް ކެޓަގަރީތަކުން އެވޯޑް ވެސް ލިބިފައިވެ އެވެ.

ވުލްފްގަންގްގެ ކާމިޔާބު ކެރިއަރުގައި ގެނެސްދިން ފާހަގަކޮށްލެވޭ އިތުރު ފިލްމުތަކުގެ ތެރޭގައި ދަ ނެވާ އެންޑިން ސްޓޯރީ (1981)، އެނެމީ މައިން (1985)، އިން ދަ ލައިން އޮފް ފަޔާ (1993)، އައުޓްބްރޭކް (1995)، އެއާ ފޯސް ވަން (1997) އަދި ދަ ޕާފެކްޓް ސްޓޯމް (2000) ހިމެނެ އެވެ.

ވުލްފްގަންގްގެ އެންމެ ފަހުގެ ފިލްމަކީ 2016 ގެ ޖަރުމެންގެ ކްރައިމް ކޮމެޑީ "ފޯ އެގައިންސްޓް ދަ ބޭންކް" އެވެ.