Last Updated: April 20, 07:18
Saturday, April 20, 2024
މުނިފޫހިފިލުވުން

އަނޫރާގްގެ ބަހުގެ ހަމަލާތަކެއް އަދިތިޔާ އަށް

އަދިތިޔާ (ކ) އަދި އަނޫރާގް.

ބޮލީވުޑްގެ އެންމެ ބޮޑު ފިލްމު ކުންފުނި، ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) ގެ ވެރިޔާ އަދި މަޝްހޫރު ބަތަލާ ރާނީ މުކަރްޖީގެ ފިރިމީހާ އަދިތިޔާ ޗޯޕްޅާ އަށް ޑައިރެކްޓަރު އަނޫރާގް ކޭޝަޕް ވަރަށް ބޮޑަށް ފާޑުކިޔައި، ބަހުގެ ހަމަލާތަކެއް ދީފި އެވެ.

ގެލަޓާ ޕްލަސް އަށް ދިން އިންޓަވިއުއެއްގައި ބޮލީވުޑްގެ ފިލްމުތަކަށް މިހާރު އަމާޒުވާ ފާޑިޔުންތަކާއި ފިލްމުތައް ނުހިނގައި ބޮޑުތަނުން ފްލޮޕްވަމުންދާތީ އެކަމާ ގުޅުވައިގެން އަނޫރާގް ބުނީ އެހެން ވަނީ އަދިތިޔާ ފަދަ މީސްމީހުންނާ ހެދި ކަމަށެވެ.

އަބަދު ވެސް "ފިލައިގެން އުޅޭ" އަދިތިޔާ އަކީ ވަރަށް ކާމިޔާބު ފިލްމުތަކެއް ކަމަށްވާ ދިލްވާލާ ދުލްހަނިޔާ ލޭޖާއޭގޭ (ޑީޑީއެލްޖޭ) އާއި "މުހައްބަތޭ" ގެ އިތުރުން "ރަބް ނެ ބަނާދީ ޖޯޅީ'"ގެނެސްދިން ޑައިރެކްޓަރެވެ. އަދި އޭނަގަ އެންމެ ފަހުގެ ފިލްމަކީ "ބޭފިކްރޭ" އެވެ.

އަދިތިޔާ އަކީ ކުރީގެ މަޝްހޫރު ޑައިރެކްޓަރު/ޕްރޮޑިއުސަރު ޔާޝް ޗޯޕްޅާގެ ދޮށީ ދަރިފުޅެވެ. ޔާޝް 2012 ގައި މަރުވި ފަހުން ބައްޕަގެ ސްޓޫޑިއޯ ހިންގުމުގެ ހުރިހާ ޒިންމާއެއް މިހާރު ނަގަނީ އަދިތިޔާ އެވެ. ވައިއާރްއެފަކީ ވަރަށް ކާމިޔާބު އަދި އެހާމެ ރީތި ފިލްމުތަކެއް ގެނެސްދީފައިވާ ތަނެކެވެ.

އެތަނުން 2019 ގައި ރިލީޒްކުރި "މަރުދާނީ 2" އަށް ފަހު ފުލުފުލުން ބޮޑެތި ފްލޮޮޕްތައް ގެނެސްދޭތީ އަދިތިޔާ އަށް ފާޑުކިޔައި، އަނޫރާގް ބުނީ އެކަމުގެ ހުރިހާ ޒިންމާއެއް ނަގަން ޖެހޭނީ އަދިތިޔާ ކަމަށެވެ. އޭނަ ބުނި ގޮތުގައި ފިލްމުތައް ހަދަން ރަނގަޅު މީސްމީހުން ވައިއާރްއެފާ ގުޅުނު ނަމަވެސް އެ މީހުންނަށް އަމިއްލަ މިނިވަންކަމާ އެކީ ފިލްމުތައް ހަދަން ނުލިބި، ހުރިހާ ކަމެއް އަދިތިޔާ ކޮންޓްރޯލްކުރާތީ ރަނގަޅު ފިލްމުތައް ހަދަން ހުރަސް އެޅިފައިވެ އެވެ. އަދި ވައިއާރްއެފްގެ މިހާރުގެ އެންމެ ބޮޑު މައްސަލަ އަކީ ހޮލީވުޑް ކޮޕީކުރަން އުޅެން ހަދައިގެން، ބޮޑެތި ބަޖެޓްތަކުން ހަދާ ފިލްމުތަައް ވެސް ފެނަށްވުމެވެ.

އަނޫރާގް ބުނީ މި އަހަރު ރިލީޒްކުރި ވައިއާރްއެފްގެ "ޝަމްޝޭރާ" އަކީ ހޮލީވުޑްގެ ފިލްމު "މޭޑް މެކްސް: ފިއުރީ ރޯޑް" ހަދަން އުޅެގެން ހާވާފައި އޮތް ހަޑިއެއް ކަމަށާއި ހަމަ އެގޮތަށް 2018 ގެ "ތަގްސް އޮފް ހިންދުސްތާން" އަކީ "ޕައިރޭޓްސް އޮފް ދަ ކެރީބިއަން" ހަދަން އުޅެގެން ހާވާފައި އޮތް ހަޑިއެއް ކަމަށެވެ.

"މައްސަލަ އަކީ މިހާރު އަމިއްލަ އުސޫލުތައް ވެސް ދޫކޮށްލައި ވަކި ބަޔަކު ފިލްމު ހަދާ ގޮތަށް ފިލްމު ހަދަން އުޅުން. އަނެއްކާ ވައިއާރްއެފްގައި ވަރަށް ހުނަރުވެރި މީހުން ތިބި ނަމަވެސް އެއިން މީހަކަށް އަމިއްލަ މިނިވަންކަމާ އެކީ ފިލްމެއް ޑައިރެކްޓްކުރާނެ ފުރުސަތު ވެސް ނުދިނުން،" އަނޫރާގް ބުންޏެވެ. "ހުރިހާ ކަމެއް މި އޮންނާނީ އަދިތިޔާގެ ކޮންޓްރޯލްގެ ދަށުގައި. އޭނަގެ އަމުރުމައުރޫފަށް ނޫނީ އެއްވެސް މަަސައްކަތެއް ކުރެވޭ ކަމަކަށް ނުވޭ."

ނަމަވެސް މިހާރު މިއީ އެފަދަ ޒަމާނެއް ނޫން ކަމަށާއި ފިލްމު ހަދާ މީހުންނަށް އެ މީހުންގެ ކްރިއޭޓިވިޓީ ނެރުމަށް އަމިއްލަަ މިނިވަންކަމާއި ބާރާ އެކީ ފިލްމުތައް ހެދުމުގެ ފުރުސަތު އޮންނަން ޖެހޭ ކަމަށް ބުންޏެވެ.

"އަނެއްކާ އަދިތިޔާ އަކީ ދުވަހަކު ބޭރުތެރެއަށް ނުކުމެ އުޅުނު މީހެއް ނޫން. ދުނިޔޭގެ ލޮލަކަށް ފެނުނު މީހެއް ނޫން،" އަބަދު ވެސް އަދިތިޔާ "ފިލައިގެން އުޅޭތީ" އެކަމަށް އިޝާރާތްކޮށް އަނޫރާގް ބުންޏެވެ. "އެހެންވީމަ އަސްލު އޭނައަކަށް ނޭނގޭ ދުނިޔޭގެ ކަންކަން ހިނގާ ގޮތެއް. ބޭރު ތެރޭގައި ވާ ކަންކަމެއް އެނގޭ ވެސް މީހެއް ނޫން އެއީކީ. އޭނަ އަސްލު ކަންތައް ކުރާ ގޮތަކީ އަމިއްލަ އަށް ކަށްވަޅު ކޮނުން ކަހަލަ ކަމެއް."

އޭނާ ބުނި ގޮތުގައި ވައިއާރްއެފް ފަދަ ވަސީލަތްތަކާއި ފައިސާ ހުރި ސްޓޫޑިއޯތަކުން ކުރަން ޖެހޭ ކަމަކީ އެތަންތަނާ ގުޅޭ މީހުން ބާރުވެރިކޮށް، އެ މީހުންގެ އުފެއްދުންތެރިކަން ނެރުމަށް ހިތްވަރު ދިނުމެވެ.

"އެކަމަކު ވައިއާރްއެފަކީ ފާޑެއްގެ ދަންތުރައެއް ކަހަލަ ތަނެއް. އެފަދަ ހާލަތެއްގައި ތިބެގެނެއް ފިލްމުތައް ހެދުން ފަދަ މަސައްކަތްތަކެއް ނުކުރެވޭނެ،" އަނޫރާގް ބުންޏެވެ. "އެހެންވެ އެ ސްޓޫޑިއޯ އިން މިހާރު ފުލުފުލުން ފްލޮޕްތައް ނެރެނީ."

"ޝަމްޝޭރާ" ގެ އިތުރުން ވައިއާރްއެފުން މި އަހަރު ނެރުނު ފިލްމުތަކަކީ އަކްޝޭ ކުމާރުގެ "ސަމްރާޓް ޕްރިތުވީރާޖް" އާއި ރަންވީރު ސިންގްގެ "ޖަޔޭޝްބާއީ ޖޯރްދާރް" އެވެ. މި ދެ ފިލްމަކީ ވެސް ބަލާނެ ބަޔަކު ނުވި ފިލްމުތަކެވެ.

ވައިއާރްއެފުން ދެން އެންމެ އަވަހަށް ގެންނަން އޮތް ފިލްމަކީ އަންނަ އަހަރުގެ ޖެނުއަރީ 25 އަށް ތާވަލުކޮށްފައިވާ ޝާހްރުކް ޚާންގެ "ޕަތާން" އެވެ. އޭގެ ފަހުން އެޕްރީލް 21 ގައި ސަލްމާން ޚާންގެ "ޓައިގާ 3" ގެނެސްދޭނެ އެވެ.