Last Updated: April 23, 23:56
Tuesday, April 23, 2024
ޚަބަރު

ހިސާންގެ ތާއީދު ވެސް ރިޔާސީ ނިޒާމަށް

ރިޔާސީ ނިޒާމަށް ތާއީދު ކުރައްވާކަން ތުޅާދޫ ދާއިރާގެ އެމްޑީޕީ މެމްބަރު ހިސާން ހުސެއިން ހާމަކުރައްވައިފި އެވެ.

ހިސާން މިހެން ވިދާޅުވެފައިމިވަނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ރާއްޖޭގެ ވެރިކަމުގެ ނިޒާމް ރިޔާސީން ބަރުލަމާނީއަށް ބަދަލުކުރަން އެމްޑީޕީގެ ކޮންގްރެސް އަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ހުށަހެޅުމެއް ހުށަހަޅާފައިވާ ދަނޑިވަޅެއްގަ އެވެ.

ނަމަވެސް އެމްޑީޕީގެ އިސް ލީޑަރު އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމްް މުހައްމަދު ސޯލިހް ވަނީ އެ ގަރާރު އަނބުރާ ގެންދެވުމަށް ނަޝީދުގެ އަރިހުން އެދިވަޑައިގަންނަވާފަ އެވެ.

ނަޝީދުގެ ގާނޫނީ ވަކީލުގެ ގޮތުގައި މަޝްހޫރުވެފައިވާ ހިސާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގައުމު މިހާރު އޮތް ހާލަތާއި އަދި ރާއްޖެ ފަދަ ތަރައްގީ ވަމުން އަންނަ ގައުމަކަށް ހަމަޖެހުމާއި ރައްޔިތުން ބޭނުންވާ ތަރައްގީ ގެނެވޭނީ ހަމައެކަނި ރިޔާސީ ނިޒާމުން ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

ނަޝީދަކީ ބަރުލަމާނީ ނިޒާމަށް ވަރަށް ބޮޑަށް ތާއީދުކުރައްވާ ބޭފުޅެއް ކަމަށްވާއިރު، އެމަނިކުފާނު މީގެކުރިން ވަނީ ރައީސް ސޯލިހަށް ވެރިކަމުގެ ދެވަނަ ދައުރެއް ލިބުމުގެ އެންމެ ކަށަވަރު މަގަކީ ބަރުލަމާނީ ނިޒާމު ކަމަށްވެސް ވިދާޅުވެފަ އެވެ.

ނަޝީދުގެ ބަރުލަމާނީ ގަރާރު އަނބުރާ ގެންދަން ރައީސް އެދިވަޑައިގެންފައިވާއިރު، ދައުލަތުގެ ވަޒީރުންނާއި ކޯލިޝަން ޕާޓީތަކުގެ ލީޑަރުން ވެސް ވަނީ ބަރުލަމާނީ ނިޒާމު ރާއްޖެ އަށް ގެންނަން ދެކޮޅުކަން ހާމަކުރައްވާފަ އެވެ. ނަމަވެސް ނަޝީދު ގެންދަވަނީ ސިލްސިލާ ގޮތެއްގައި ބަރުލަމާނީ ނިޒާމާއި ގުޅޭގޮތުން މައުލޫމާތު ދިނުމަށް އެމްޑީޕީ ހަރުގޭގައި ބައްދަލުވުންތައް ބާއްވަމުންނެވެ.