Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު

ރައްޔިތުންނަށް ރަނގަޅު ގޮތް ތިން ވަޒީރަކަށް ނުނިންމޭނެ

ރައީސް މުހައްމަދު ނަޝީދު، ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރައްޔިތުންނަށް ރަނގަޅު ގޮތް ވަކި މީހަކަށް އެކަނި ނުނިންމޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މިރޭ އެމްޑީޕީ ހަރުގޭގައި ބަރުލަމާނީ ނިޒާމާއި ގުޅޭގޮތުން ބޭއްވި އިވެންޓެއްގައި ވާހަކަފުޅުދައްކަވަމުން ނަޝީދު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އަށްވެސް ވަޒީރަކަށް ވެސް މަޖިލީހުގެ މެމްބަރަކަށް ވެސް އަދި ކުންފުންޏެއްގެ އިސްވެރިއަކަށް ވެސް ވަކި ނިޒާމެއް މާ މޮޅު ކަމަށް ނުދެންނެވޭނެ ކަމަށާއި އެ ވާހަކަ އަހަންޖެހޭނީ ރައްޔިތުންގެ ގާތުން ކަމަށެވެ.

އެގޮތުން އެއީ ބަހުސް ކުރަންޖެހޭ ކަމެއް ނޫން ކަމަށާއި ރައްޔިތުންގެ ގާތުގައި މިކަމުގައި ގޮތެއް ނާހާ ނުތިބެވޭނެ ކަމަށްވެސް ނަޝީދު ވިދާޅުވި އެވެ.

"އަޅުގަނޑަށާއި، ރައީސުލްޖުމްހޫރިއްޔާ އަށާއި ތިން ވަޒީރުންނަށާއި ނިންމައެއް ނުލެވޭނެ ރައްޔިތުންނަށް ރަނގަޅު ގޮތަކީ ކޮބައިތޯ. ރައްޔިތުންނަށް ރަނގަޅު ގޮތް އެނގޭނީ ރައްޔިތުންނަށް. އަޅުގަނޑަށް އިނގޭ އަބަދުވެސް ވޯޓު އެޅީމާ ވާގޮތް. އެއީ ހީކުރި ގޮތް ނޫން އަނެއް ގޮތް." ނަޝީދު ވިދާޅުވި އެވެ.

ވޯޓުން ނިންމާ ކަންކަމަކީ ދެމެހެއްޓެނިވި ކަންކަން ކަމަށާއި އެގޮތުން އެމްޑީޕީގެ ކޮންގްރެސް މިފަހަރު ބާއްވަނީ ވެސް ގާނޫނު އަސާސީ އިސްލާހުކުރުމަށްޓަކާ ފެންނަ ނުފެންނަ ވޯޓަކަށް އެހުމަށް ކަމަށް ނަޝީދު ވިދާޅުވި އެވެ.

ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ރާއްޖޭގެ ވެރިކަމުގެ ނިޒާމް ރިޔާސީން ބަރުލަމާނީއަށް ބަދަލުކުރަން އެމްޑީޕީގެ ކޮންގްރެސް އަށް ނަޝީދު ވަނީ ގަރާރެއް ހުށަހަޅުއްވާފަ އެވެ. ނަމަވެސް އެމްޑީޕީގެ އިސް ލީޑަރު އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމްް މުހައްމަދު ސޯލިހް ވަނީ އެ ގަރާރު އަނބުރާ ގެންދެވުމަށް ނަޝީދުގެ އަރިހުން އެދިވަޑައިގަންނަވާފަ އެވެ.

ނަޝީދަކީ ބަރުލަމާނީ ނިޒާމަށް ވަރަށް ބޮޑަށް ތާއީދުކުރައްވާ ބޭފުޅެއް ކަމަށްވާއިރު، އެމަނިކުފާނު މީގެކުރިން ވަނީ ރައީސް ސޯލިހަށް ވެރިކަމުގެ ދެވަނަ ދައުރެއް ލިބުމުގެ އެންމެ ކަށަވަރު މަގަކީ ބަރުލަމާނީ ނިޒާމު ކަމަށްވެސް ވިދާޅުވެފަ އެވެ.

ނަޝީދުގެ ބަރުލަމާނީ ގަރާރު އަނބުރާ ގެންދަން ރައީސް އެދިވަޑައިގެންފައިވާއިރު، ދައުލަތުގެ ވަޒީރުންނާއި ކޯލިޝަން ޕާޓީތަކުގެ ލީޑަރުން ވެސް ވަނީ ބަރުލަމާނީ ނިޒާމު ރާއްޖެ އަށް ގެންނަން ދެކޮޅުކަން ހާމަކުރައްވާފަ އެވެ.