Last Updated: April 23, 23:56
Tuesday, April 23, 2024
މުނިފޫހިފިލުވުން

"އިންޑިއަން އައިޑޮލް 13" އަށް ތައްޔާރު

ސޮނީ ޓީވީން "އިންޑިއަން އައިޑޮލް" ގެ 13 ވަނަ ސީޒަން ފަށަން ތައްޔާރުވެއްޖެ އެވެ.

ޝޯގެ ޕްރޮމޯތަކެއް ވެސް މިހާރު އަންނަނީ ދައްކަމުންނެވެ. އެކަމަކު އަދި ޝޯ ދައްކަން ފަށާނެ ރަސްމީ ތާރީހެއް އިއުލާނެ އެވެ. ނަމަވެސް "އިންޑިއަން އައިޑޮލް 13" ފަށާނީ ސޮނީން މިހާރު ގެނެސްދޭ "ސުޕަސްޓާ ސިންގާ" ސީޒަން ދޭއް ނިންމާލުމަށް ފަހު އަންނަ މަހުގެ ތެރޭގައި ކަމަށް ބެލެވެ އެވެ.

"އިންޑިއަން އައިޑޮލް 13" ވެސް ހޯސްޓްކުރާނީ "ސުޕަސްޓާ ސިންގާ 2" ހޯސްޓްކުރަމުން އަންނަ އަދިތިޔާ ނާރަޔަން އެވެ. މި ޝޯގެ އޮޑިޝަންތައް އިންޑިއާގެ އެކި ސަރަހައްދުތަކުގައި ވަނީ ބާއްވައިފަ އެވެ. ބެލުންތެރިންގެ ފަރާތުން ބޮޑު ތަރުހީބެއް އަބަދު ވެސް ލިބޭ "އިންޑިއަން އައިޑޮލް" ގެ އާ ސީޒަންގެ ޖަޖުންނަކީ ކޮބައި ކަމެއް އަދި ނޭނގެ އެވެ.

އެންމެ ފަހުން ގެނެސްދިން ސީޒަންގެ ޖަޖުންނަކީ ވިޝާލް ދަދްލާނީ އާއި ނޭހާ ކައްކަރްގެ އިތުރުން ހިމޭޝް ރޭޝަމިއާ އެވެ.

ނޮވެމްބަރު 28، 2020 ގައި ފަށައި މިދިޔަ އަހަރުގެ އޮގަސްޓް 15 ގައި ފިނާލޭ ގެނެސްދިން "އިންޑިއަން އައިޑޮލް 12" ކާމިޔާބުކުރީ ޕަވަންދީޕް ރަޖަން އެވެ.

"އިންޑިއަން އައިޑޮލް" އިންޑިއާ އިން ގެނެސްދެނީ 2004 އިން ފެށިގެންނެވެ.