Last Updated: April 18, 22:36
Thursday, April 18, 2024
ޚަބަރު

ރައްޔިތުން އެންމެ ބޭނުންވާ ކަންކަމަށް އިސްކަންދޭނެ

ރައްޔިތުން އެންމެ ބޭނުންވާ ކަންކަމަށް ސަރުކާރުން އިސްކަންދޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ ބ.އޭދަފުށި ކައުންސިލް މެމްބަރުންނާ ބައްދަލުކުރެއްވުމަށްފަހު ކުރެއްވި ޓްވީޓެއްގަ އެވެ.

ރައީސް ވިދާޅުވީ އޭދަފުށީ ކައުންސިލާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީއާ ބައްދަލުކޮށް ރަށުގެ ކަންކަމާ ގުޅޭ ގޮތުން މަޝްވަރާކޮށްފައިވާ ކަމަށެވެ. ކައުންސިލުން ފާހަގަކުރެއްވި މުހިއްމު އެއްކަމަކީ، ގޮނޑުދޮށް ހިމާޔަތްކުރުމުގެ މައްސަލަ ކަމަށާއި ރައްޔިތުން އެންމެ ބޭނުންވެފައިވާ ކަންކަމަށް ސަރުކާރުން އިސްކަން ދޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ސޯލިހާއެކު މިއަދު ބޭއްވި ބައްދަލުކުރެއްވުމުގައި އޭދަފުށި ކައުންސިލުން ވަނީ ރަށުގެ ތަރައްޤީއަށް އެންމެ މުހިންމު ކަންކަމާއި ކައުންސިލާއި ރައްޔިތުން މިވަގުތު ހައްލުކުރަން ބޭނުންވާ މައްސަލަތައް ފާހަގަކުރައްވާފަ އެވެ.

އެގޮތުން ކައުންސިލުން ވަނީ ރަށުގެ ބަނދަރުގެ ދަތިކަމާއި، ރަށް ހިމާޔަތްކުރުމަށް ލާފައިވާ ރިވެޓްމަންޓް މަރާމާތުކުރަން ބޭނުންވެފައިވާކަމާއި، ރަށުގައި ބޯހިޔާވަހިކަމުގެ ފުރުޞަތުތައް އިތުރުކުރުމަށް ބޭނުންވާކަމާއި ކައުންސިލް އިދާރާގެ އިމާރާތް ދުވަސްވެ ބާވެފައި ހުރުމުން ކުރިމަތިވާ ދަތިތަކާއި އަދި ބ. އަތޮޅު ހޮސްޕިޓަލްގެ ޚިދުމަތްތަކުގެ ފެންވަރު މަތިކޮށް އުމުރާނީ ގޮތުން ހޮސްޕިޓަލަށް ބޭނުންވާކަންކަން ފާހަގަކުރައްވާފަ އެވެ.

މީގެ އިތުރުން ރަށުގެ މަގުހެދުމުގެ މަސައްކަތުގައި ފުރިހަމަނުވެ ހުރި މަސައްކަތްތައް އަވަހަށް ނިންމުމާއި މިހާރު ނުހަދާހުރި މަގުތައް ތަރައްޤީކުރަން ބޭނުންވާކަމާއި އަދި ފުޓްސަލް ދަނޑުފަދަ ޒުވާނުންނާއި ރަށުގެ އިޖްތިމާޢީ ކުރިއެރުމަށް ބޭނުންވާކަންކަން ކައުންސިލު މެންބަރުން ފާހަގަކުރެއްވި އެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ އޭދަފުށީ ކައުންސިލާއެކު މީގެ ކުރިން އެމަނިކުފާނު ބޭއްވެވި ބައްދަލުކުރެއްވުމުގައި ކައުންސިލުން ފާހަގަކުރެއްވި ގިނަ ކަންކަން ސަރުކާރުން މިހާރު ކޮށްދެއްވާފައިވާ ކަމަށް ވިދާޅުވެފަ އެވެ.

މިއަދު އޭދަފުށީ ކައުންސިލާއެކު ބޭއްވި ބައްދަލުކުރެއްވުމުގައި ފާހަގަކުރެއްވި ކަންކަމުގެ ތެރެއިން އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން ކުރިޔަށްގެންދެވޭނެ ކަންކަން ބައްލަވާނެ ކަމަށާ އަދި ފާހަގަކުރެއްވި އިތުރު ކަންކަމުގައި ކަމާގުޅޭ ސަރުކާރުގެ އިދާރާތަކާ މަޝްވަރާކުރައްވާނެ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.