Last Updated: April 24, 09:15
Wednesday, April 24, 2024
ޚަބަރު

މެމްބަރުންގެ މުސާރަ ބޮޑުވެގެން ރައްޔިތުން ނޫޅޭ

ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލް ޣަފޫރު މޫސާ

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މުސާރަ ބޮޑުވެގެން ރައްޔިތުން ނޫޅޭ ކަމަށް ހަނިމާދޫ ދާއިރާގެ އެމްޑީޕީ މެމްބަރު ޢަބްދުލްޣަފޫރު މޫސާ ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ މެމްބަރުންގެ އަދަދު ލިމިޓް ކުރަން ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިނގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ހުށަހެޅުއްވި އިސްލާހަށް ބަހުސް ކުރައްވަމުން ޣަފޫރު ވިދާޅުވީ މަޖިލީހުގެ މެމްބަރުންނަށް ލިބޭ މުސާރަ އާއި އިނާޔަތް ކުޑަކުރަން ބައެއް މެމްބަރުން ބިލްތައް ހުށަހަޅާ ކަމަށާއި ނަމަވެސް އެއީ ރައްޔިތުން ޝަކުވާ ކުރާ ކަމެއް ނޫން ކަމަށެވެ.

"އަޅުގަނޑު ވެސް މި މަޖިލީހުގައި އުޅޭތާ ލައްކަ ދުވަސް ވެއްޖެ. 15 ވަރަކަށް އަހަރު ވަނީ އަޅުގަނޑުގެ ދާއިރާގެ އެއްވެސް ރައްޔިތަކު އަޅުގަނޑު ކައިރީ ނުބުނޭ މުސާރަ މާ ބޮޑޭ، އިނާޔަތް މާ ބޮޑޭ." ޣަފޫރު ވިދާޅުވި އެވެ.

ޣަފޫރު ވިދާޅުވީ ރައްޔިތުންގެ ޝަކުވާ އަކީ ރައްޔިތުންނަށް ބޭނުންވާ މަސައްކަތް އިހުލާސްތެރިކަމާއެކު މެމްބަރުން ކޮށްނުދޭ ކަމުގެ ޝަކުވާ ކަމަށެވެ.

"އެއްޗެއް ބޮޑުވެގެނެއް ރައްޔިތުންނެއް ނޫޅޭ. ރައްޔިތުން އަޅުގަނޑުމެން ކައިރީ އަބަދު ކުރާ ޝަކުވާ އަކީ ބިނާކުރަނިވި ރަނގަޅު މަސައްކަތްތަކެއް މަޖިލީހުން ކޮށްދޭށޭ. އޭރުން ރައްޔިތުންގެ ހިތްހަމަޖެހުން މަޖިލީހުގެ މެމްބަރުންނަށް އޮންނާނެ." އޭނާ ވިދާޅުވި އެވެ.

ރައްޔިތުން މަޖިލިސް ބަލައިގަންނާނީ ޒާތީ ތައައްސަބުން އެއްކިބާވެ ތިބެ ގައުމަށް ފައިދާވާނެ ހަރުދަނާ މަސައްކަތެއް ކުރުމުން ކަމަށާއި އޭރުން ރައްޔިތުން މަޖިލީހަށް ތަރުހީބު ވެސް ދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޣަފޫރު މިހެން ވިދާޅުވިއިރު ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ދުވަސްވަރު ބޭއްވި ބަހުސެއްގައި ޣަފޫރު ވަނީ މަޖިލީހުގެ މެމްބަރުންގެ މުސާރަ އާއި އިނާޔަތްތައް ބޮޑު ކަމަށާއި އެ އަދަދު ކުޑަކުރަންޖެހޭ ކަމަށް ވިދާޅުވެފަ އެވެ.