Last Updated: October 4, 12:43
Tuesday, October 4, 2022
މުނިފޫހިފިލުވުން

އެކްތާގެ "ކޭޓީނާ" ޑިޝާ އަށް ގެއްލިއްޖެ

މީގެ ތިން އަހަރު ކުރިން ބަތަލާ ޑިޝާ ޕަޓާނީ ހިމަނައިގެން ޕްރޮޑިއުސަރު އެކްތާ ކަޕޫރް އިއުލާންކުރި ފިލްމު "ކޭޓީނާ" އެހެން ބަތަލާއަކާ އެކީ ހަދަން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ޑިޝާ ޓައިޓްލް ރޯލު ކުޅޭ ގޮތަށް ފިލްމު އިއުލާންކުރި ނަމަވެސް އެއާ ބެހޭ އެއްވެސް ވާހަކައެއް ފަހަކުން ދެކެވިފައެއް ނުވެ އެވެ. އެކަމަކު ފިލްމީ ޚަބަރުތައް ގެނެސްދޭ ބައެއް މީޑިއާތަކުން އިއްޔެ ރިޕޯޓްކޮށްފައިވާ ގޮތުގައި އެކްތާ މިހާރު ވަނީ ޑިޝާ ނޫން ބަތަލާ އެކީ "ކޭޓީނާ" ހަދަން ނިންމައިފަ އެވެ.

އެގޮތުން މިހާރު ފިލްމަށް ނަގަން ދެ ބަތަލާ އަކު ޝޯޓްލިސްޓްކޮށްފައިވެ އެވެ. އެއީ އަނަންޔާ ޕާންޑޭ އާއި ނުޝްރަތު ބަރޫޗާ އެވެ. އަނަންޔާ އަކީ އެކްތާ ޕްރޮޑިއުސްކޮށް އަންނަ އަހަރު ގެނެސްދޭން ހަމަޖެހިފައިވާ "ޑްރީމް ގާލް 2" ގެ ބަތަލާ އެވެ.

ނުޝްރަތަކީ ވެސް ކުރިން އެކްތާގެ ފިލްމުތަކެއްގައި މަސައްކަތްކޮށްފައިވާ ތަރިއެކެވެ. އެއީ 2019 "ޑްރީމް ގާލް" އާއި ގެ 2010 ގައި ޑައިރެކްޓަރު ދިބާކަރް ބެނަޖީ ގެނެސްދިން "ލަވް، ސެކްސް އޯރް ދޯކާ" އެވެ.

"ކޭޓީނާ" އަކީ "ޑްރީމް ގާލް" ގެ ޑައިރެކްޓަރު ރާޖް ޝާންޑަލިއާގެ ސްކްރީންޕްލޭއަކަށް އާޝިމާ ޗިބާރް ޑައިރެކްޓްކުރަން ހަމަޖެހިފައިވާ ފިލްމެކެވެ. ނަމަވެސް މި ފިލްމަށް ކުރިން ނެގި ޑިޝާގެ ބަދަލުގައި އެހެން ބަތަލާ އެކު ފިލްމަށް ގެންނަން ނިންމި ސަބަބެއް ސާފެއް ނޫނެވެ. ޑިޝާގެ އެންމެ ފަހުގެ ފިލްމަކީ ޖުލައިގައި ގެނެސްދިން "އޭކް ވިލަން ރިޓާންސް" އެވެ.