Last Updated: October 4, 11:37
Tuesday, October 4, 2022
ޚަބަރު

ދެން ހަވާލުވާން އޮތީ ރާއްޖޭގެ ރައީސްކަމާ: ނާޒިމް

އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމް - ފޮޓޯ: އެމްއެންޕީ

ގައުމަށް ކޮށްދެވިފައި ހުރި ހިދުމަތްތަކަށް ބަލާއިރު ދެން ހަވާލުވާން އޮތް މަގާމަކީ ރައީސުލްޖުމްހޫރިއްޔާގެ މަގާމުކަމަށް އެމްއެންޕީގެ ރައީސް މުޙައްމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.

އަންނަ ރިޔާސީ އިންތިހާބުގައި އެމްއެންޕީން ކެންޑިޑޭޓެއް ނެރުމަށް ނިންމާފައިވާއިރު، އެ ޕާޓީގެ ފަރާތުން ރިޔާސީ އިންތިހާބަށް ވާދަކުރުމުގެ ޝައުގުވެރިކަން ނާޒިމް މީގެކުރިން ވަނީ ފާޅުކުރައްވާފަ އެވެ.

ރާއްޖެ ޓީވީން ގެނެސްދޭ ފަށާއިރު ޕްރޮގްރާމްގައި ވާހަކަދައްކަމުން ނާޒިމް ވިދާޅުވީ ރިޔާސީ އިންތިހާބަށް ނިކުތުމުގެ ޝައުގުވެރިކަން އެބަހުރި ކަމަށާއި ކެންޑިޑޭޓެއް ކަނޑައަޅާނީ ޕްރައިމަރީއަކުން ކަމަށެވެ. އަދި ރާއްޖޭގެ ވެރިކަމަކީ ވަކި ބަޔަކު ކުރަން އޮތް ކަމެއް ނޫން ކަމަށާއި ގައުމަށް ކޮށްދެވިފައި ހުރި ހިދުމަތަށް ބަލާއިރު ދެން ހަވާލުވާން އޮތް މަގާމަކީ ރައީސުލްޖުމްހޫރިއްޔާގެ މަގާމު ކަމަށް ނާޒިމް ވިދާޅުވި އެވެ.

"އަޅުގަނޑަށް ގައުމަށް ކުރެވުނު ޚިދުމަތަށް ބަލާއިރުގައި އަޅުގަނޑަށް ގަބޫލުކުރެވޭ ދެން އަޅުގަނޑު ހަވާލުވާން އޮތް މަގާމަކީ ރައީސުލްޖުމްހޫރިއްޔާގެ މަގާމުކަން. އަޅުގަނޑަށް މިހާތަނަށް އެވަރަށް ޚިދުމަތް ކުރެވިއްޖެ." ނާޒިމް ވިދާޅުވި އެވެ.

ނާޒިމް ވިދާޅުވީ ކަމެއް ކުރަން އަބަދުވެސް އުއްމީދެއް އޮންނަން ވާނެ ކަމަށާއި އެގޮތުން މަޖިލީހަށް ވަޑައިގަންނެވޭނެ ކަމަށް ދުވަހަކު ވެސް ހީނުކުރައްވާ ކަމަށެވެ. ނަމަވެސް ޖަލުގައި ހޭދަކުރެއްވި ދުވަސްތަކުގައި އެކަމާ މެދު ވިސްނި ކަމަށާއި ކާމިޔާބު ލިބޭނީ އުއްމީދެއް އޮވެގެން މަަސައްކަތް ކުރުމުން ކަމަށްވެސް ނާޒިމް ވިދާޅުވި އެވެ.

ނާޒިމް ވަނީ ރާއްޖޭގެ އެކި ސަރުކާރުތަކުގައި މުހިއްމު މަގާމުތަކެއް ފުރުއްވާފަ އެވެ. އެގޮތުން ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދުގެ ވެރިކަމުގައި ދައުލަތުގެ ގިނަ ތަންތަނުގައި މަސައްކަތްކުރުމުގެ ފުރުސަތު ލިބުނުކަމަށް ނާޒިމް ވިދާޅުވި އެވެ. ނާޒިމް ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޑިފެންސް މިނިސްޓަރުކަން ވެސް ކުރައްވާފަ އެވެ.