Last Updated: April 20, 14:10
Saturday, April 20, 2024
ޚަބަރު

ރާއްޖޭގެ ކަނޑުން ބޮޑު ބައެއް ވިއްކާލައިފި: ޔާމީން

ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބޮޑު ބައެއް ދިވެހި ސަރުކާރުން ވިއްކާލާފައިވާ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ތުހުމަތު ކުރައްވައިފި އެވެ.

ނ.އަތޮޅު ކެނދިކުޅުދޫގައި މިއަދު ޕީޕީއެމުން ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ޔާމީން ވިދާޅުވީ ރާއްޖެއިން އދ. ގެ އާންމު މަޖިލީހުގައި މޮރިޝަސްއާ އެއްކޮޅަށް ވޯޓް ލާން ނިންމުމާއި މޮރިޝަސް އިން ރާއްޖެއާ ދެކޮޅަށް ޓްރައިބިއުނަލަށް ހުށައަޅާފައިވާ މައްސަލައަށް ބަލާލުމުން ވެސް މި ސަރުކާރުން ރައްޔިތުންނަށް ކަންކަން ސިއްރު ކުރާ މިންވަރު ހާމަވާ ކަމަށާއި އެމަނިކުފާނުގެ ސަރުކާރުގައި ސިއްރު ކުރި އެއްވެސް ކަމެއް ނޯންނާނެ ކަމަށެވެ.

ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބޮޑު ބައެއް މިހާރު އޮތީ ވިއްކާލާފައި ކަމަށާއި އެ ފައިސާ ނެގި ބަޔަކު ވެސް ތިބޭނެ ކަމަށް ޔާމީން ވިދާޅުވި އެވެ. އަދި އެއީ ހިލޭ ކުރާ ވަރުގެ ކަންތައްތަކެއް ނޫން ކަމަށާއި ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ގަބޫލުކުރަނީ ވެސް އެގޮތަށް ކަމަށް ޔާމީން ވިދާޅުވި އެވެ.

ޔާމީން ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުގައި ރާއްޖޭގެ ކަނޑުން ބައެއް ވިއްކާލާފައިވާ ކަމަށް ބުނެ އޭރު އިދިކޮޅުގައި އޮތް އެމްޑީޕީން ވާހަކަތަކެއް ދެއްކި ކަމަށާއި ނަމަވެސް ފިތުރަތުގެ ވަރުގަދަ އިއްތިފާގަކުން ނަމަވެސް އޭރު އެމަނިކުފާނަށް ނިސްބަތް ކުރި ހުރިހާ ތުހުމަތުތައް މާ ފުރިހަމަ އަށް އެމްޑީޕީން މިހާރު ކުރަމުންދާ މަންޒަރު ރައްޔިތުންނަށް ފެންނަމުންދާ ކަމަށެވެ.

"މިހާރު މި އޮތީ ކަނޑު ވިއްކާލާފައި. މިހާރު މިއޮތީ ރާއްޖޭގެ ކަނޑުގެ 96،000 އަކަ ކިލޯމީޓަރު ކަނޑުގެ ސަރަހައްދު މި އޮތީ ވިއްކާލާފައި." ޔާމީން ވިދާޅުވި އެވެ.

ޗާގޮސް މޮރިޝަސްއާ ހަވާލުކުރުމަށް ގޮވާލައި އ.ދ އިން ފާސްކުރި ގަރާރާ ދެކޮޅަށް މީގެކުރިން ރާއްޖެއިން ވޯޓު ދިން ނަމަވެސް އެ ނިންމުން ކުއްލިއަކަށް ބަދަލުކުރުމުން ރާއްޖޭގެ ސަރަހައްދުން ބައެއް ގެއްލިގެން ހިނގައިދާނެ ކަމަށް ބުނެ ބައެއް ފަރާތްތަކުން އަންނަނީ ވާހަކަ ދައްކަމުންނެވެ. ނަމަވެސް ސަރުކާރުން ވަނީ މިއީ ތަފާތު ދެ މައްސަލައެއް ކަމަށާއި އދ. ގައި މޮރިޝަސްއާ އެއްކޮޅަށް ވޯޓުދިން ނަމަވެސް ޓްރައިބިއުނަލްގައި ހިނގަމުންދާ މައްސަލާގައި ރާއްޖޭގެ ސްޓޭންޑް ބަދަލުނުވާ ކަމަށް ބުނެފަ އެވެ.