Last Updated: April 19, 18:16
Friday, April 19, 2024
ޚަބަރު

އެމްޑީޕީ މިއަދު އޮތީ ބަރަހަނާވެފައި: ޔާމީން

ކުރީގެ ރައީސް އަބްދުﷲ ޔާމީން - ފޮޓޯ: ޕީޕީއެމް

އެމްޑީޕީ މިއަދު އޮތީ ބަރަހަނާވެފައި ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

ނ.އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ރޭ މިލަދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ޔާމީން ވިދާޅުވީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަން ބަދަލުކުރަން އެމްޑީޕީން މަސައްކަތް ކުރިއިރު ދެއްކި ވާހަކައަކީ ޑިމޮކްރެސީއާ ނުލާ ދުނިޔޭގައި ނޫޅެވޭނެ ކަމާއި ރައްޔިތުންނާއި ބީރައްޓެހި ވެރިކަމެއް އޮތުމުން ބަދަލުތަކެއް އަންނަންޖެހޭ ކަމުގެ ވާހަކަ ކަމަށެވެ.

އޭރު އޮތް ސަރުކާރަށް ޕްރެޝަރު ކުރަން އެމްޑީޕީގެ ފިކުރަށް އައި އެންމެ ބޮޑު ކަމަކީ ހުރިހާ ރައްޔިތުން މަގުމައްޗަށް ނިކުތުން ކަމަށާއި އަދި މަގުމައްޗަށް ނިކުމެ ދައްކަން ބޭނުންވާ ވާހަކައެއް ދެއްކެން ވާނެ ކަމުގެ ވިސްނުން އެމްޑީޕީން ދިޔައީ ޒުވާނުންނަށް ވިސްނައިދެމުން ކަމަށްވެސް ޔާމީން ވިދާޅުވި އެވެ.

ނަމަވެސް ކަންކަން ނިއުޅެމުންދިޔަ ވަރަކަށް އެމްޑީޕީގެ ހަގީގަތްތައް ރައްޔިތުންނަށް ހާމަވާން ފަށާފައިވާ ކަމަށާއި އަދި ރައީސް މައުމޫންގެ ސަރުކާރު ތެރޭގައިވެސް އިސްލާހު ގެންނަން ބޭނުންވާ މީހުންނާއި އޭގެ ފަހުންވެސް އިސްލާހަށް ލޯބިކުރާ ބަޔަކާއި ގައުމު ދެކެ ލޯބި ކުރާ ބަޔަކު ތިބިކަންވެސް ރައްޔިތުންނަށް އެނގިގެން ގޮސްފައިވާ ކަމަށް ޔާމީން ވިދާޅުވި އެވެ.

"މި ހުރިހާ ކަމަކަށްވުރެ ބޮޑަށް އަޅުގަނޑު ގަބޫލުކުރަނީ މިލަދޫގެ ރައްޔިތުންނަށް ވެސް އެމްޑީޕީގެ ހަގީގީ ސޫރަ ފެނިގެން ދިޔައީ. އެހެންވީމަ އެހާކުރިން ހަގީގީ ސޫރަ ފެނިގެން ދިޔައީ. މިއަދު މިއޮތީ ހަގީގީ ސޫރަ ފެންނާކަށް އިތުރަކަށް ހޯދާނެ ކަމެއް ނެތް. މިއަދު މިއޮތީ ބަރަހަނާވެފައި." ޔާމީން ވިދާޅުވި އެވެ.

ޔާމީން ވިދާޅުވީ އެމްޑީޕީން މީގެކުރިން ދެއްކި އެއްވެސް ވާހަކައެއް ކެތްކޮށްލަން މިއަދު ނުކުރޭ ކަމަށާއި ވެރިކަމަށް އާދެވުމުން އަނިޔާކުރުމާއި، އަޑުއުފުލުން ވެސް މަނާކުރަން އެމްޑީޕީ އަށް ރަނގަޅު ކަމަކަށް ވެފައިވާ ކަމަށެވެ. އަދި ޕީޕީއެމުން މަގުމައްޗަށް ނިކުތުމުން އުނދަގޫވާންޖެހޭ ސަބަބެއް ނެތް ކަމަށާއި މި ކަންކަމުގައި ޖަވާބުދާރީ ކުރުވަންޖެހޭ ފަރާތްތައް ޖަވާބުދާރީ ކުރުވާނެ ކަމަށްވެސް ޔާމީން ވިދާޅުވި އެވެ.