Last Updated: March 28, 21:55
Thursday, March 28, 2024
ޚަބަރު

ޔާމީން އައްޑު އަށް ތަރައްގީ ގެންނެވި: ހީނާ

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އައްޑު ތަރައްގީ ގެނެސްދެއްވި ކަމަށް ޕީޕީއެމްގެ ތަރުޖަމާން ހީނާ ވަލީދު ވިދާޅުވެއްޖެ އެވެ.

އަންނަަ އާދީއްތަ ދުވަހު ޔާމީން އައްޑު އަށް ވަޑައިގެންނެވުމަށް ހަމަޖެހިފައިވާއިރު ހީނާ ވިދާޅުވީ ޔާމީންގެ ވެރިކަމުގައި އައްޑޫ ވަރަށް ގިނަ ގުނަ ތަރައްގީ ގެންނެވި ކަމަށާއި އެގޮތުން ޒަމާނީ ޓެކްނޮލޮޖީއާއެކު އައްޑޫގައި ތަރައްގީ ކުރި 100 އެނދުގެ އިކުއިޓޯރިއަލް ހޮސްޕިޓަލް ފާހަގަކޮށްލެވޭ ކަމަށެވެ.

ޔާމީންގެ ވެރިކަމުގައި އައްޑޫގައި ވަޒީފާގެ ފުރުސަތުތައް ވެސް އިތުރުވި ކަމަށާއި އަދި މަގު ހެދުމާއި ފެނާއި ނަރުދަމާގެ މަޝްރޫއުތައް ކުރިއަށްދިޔަ ކަމަށް ހީނާ ވިދާޅުވި އެވެ. އެގޮތުން ޔާމީންގެ ވެރިކަން ނިމުމަކާ ހަމައަށް އައިއިރު ފެނުގެ މަޝްރޫއު ނިމި ހުރިހާ ގެއަކަށް ފެން ހޮޅިލެވިފައިވާ ކަމަށްވެސް ހީނާ ވިދާޅުވި އެވެ.

ހީނާ ވިދާޅުވީ ކުރީގެ ސަރުކާރުން މަރަދޫގެ މަސްވެރިން ބޭނުންވި ގޮތަށް ބަނދަރުގެ މަސައްކަތް ފެށި ކަމަށާއި އަދި ފޭދޫ ބިން ހިއްކުމުގެ ޕްރޮޖެކްޓް ވެސް ހިންގި ކަމަށެވެ. އަދި ހުޅުދޫމީދޫގައި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމުކޮށްދިނުމާއި، މަސް ފެކްޓްރީ ގާއިމުކޮށްދިނުމުގެ އިތުރުން އައްޑޫގެ ހުރިހާ އަވަށެއްގައި ވެސް ކުނި ނައްތާލުމުގެ ނިޒާމު ވެސް ޔާމީންގެ ވެރިކަމުގައި ގާއިމުކޮށްދިން ކަމަށް ހީނާ ވިދާޅުވި އެވެ.

މީގެ އިތުރުން ގަން އެއާޕޯޓުގެ ރަންވޭ ބޮޑުކުރުމާއި އެތަނުގެ ތަރައްގީ އަށްވެސް ގިނަ މަސައްކަތްތަކެއް ކުރީ ސަރުކާރުން ކޮށްފައިވާ ކަމަށް ހީނާ ވިދާޅުވި އެވެ. އަދި ހިތަދޫ އާއި ހުޅުދޫގައި ފްލެޓް އިމާރާތް ކުރުމުގެ އިތުރުން ސްކޫލްތަކުގެ އިމާރާތްތަކަށް އައި ކުރިއެރުން ހީނާ ފާހަގަކުރެއްވި އެވެ.

ހީނާ ވަނީ ޔާމީން އައްޑޫ އަށް މިފަހަރު ކުރައްވާ ދަތުރުފުޅުގައި ވަކި ފިކުރަކަށް ނުބަލާ ވީހާވެސް ގިނަ ރައްޔިތުންނާ ބައްދަލުކުރަން ބޭނުންފުޅުވާ ކަމަށް ވިދާޅުވެފަ އެވެ. އަދި މިއީ ޔާމީން އައްޑޫއާ މެދު ގެންގުޅޭ ތަސައްވުރު ދެނެގަތުމަށް ރަނގަޅު ފުރުސަތަކަށް ވެގެންދާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.