Last Updated: March 29, 09:42
Friday, March 29, 2024
ޚަބަރު

ޕީޕީއެމްގެ އިންތިހާބު ނަމޫނާއަކަށް ބަލާ: ޔާމީން

ކުރީގެ ރައީސް އަބްދުﷲ ޔާމީން - ފޮޓޯ: ޕީޕީއެމް

މިއަދު ކުރިއަށްދިޔަ ޕީޕީއެމްގެ ދާއިރާތަކުގެ އިންތިހާބު އެމްޑީޕީން ނަމޫނާ އަކަށް ބެލުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ގޮވާލައްވައިފި އެވެ.

މިއަދު ކުރިއަށްދިޔަ ޕީޕީއެމްގެ ދާއިރާތަކުގެ އިންތިހާބު ކުރިއަށްދިޔަ ގޮތް ބައްލަވާލެއްވުމަށްފަހު މީޑިޔާތަކާ ވާހަކަދައްކަވަމުން ޔާމީން ވިދާޅުވީ ޕީޕީއެމުން ބޭއްވި އިންތިހާބު އެމްޑީޕީން ނަމޫނާ އަކަށް ބަލައިގެން މަގު ޗާޓު ކުރިއަށް ގެންދަންޖެހޭ ކަމަށެވެ.

"ބަލައިލީމަ ފެނޭނޫންތޯ. އަޅުގަނޑުމެން ޓައްޕުތަކަށް އަޅައިގެންތޯ މި ވޯޓުދެނީ ނޫނީ ގަށާ މެޝިނުގައިތޯ ވޯޓުކަރުދާސް ހުރީ؟ ޖަވާބު ސާފުދެއްތޯ؟ އަޅުގަނޑުމެންގެ ވޯޓު ކަރުދާހެއް ނެތެއްނު އުވަގަށާ މެޝިނަކު އެއް. ޓައްޕުތަކުގައި ބާލިދީއަކު ނޫނެއްނު މި އެއްޗެހި އުފުލަނީކީ." ޔާމީން ވިދާޅުވި އެވެ.

ޔާމީން ވިދާޅުވީ އެމްޑީޕީން މުޅި ރާއްޖެ ވިއްކާލާފައިވާ ކަމަށާއި ލަދު ހަޔާތުގެ ކަންފުޅެއް ހުރިނަމަ ޑިމޮކްރެސީގެ ވާހަކަ އެ ޕާޓީން ރަނގަޅު ވާނީ ދެން ނުދެއްކުން ކަމަށެވެ.

"ދެން އެމްޑީޕީ ޑިމޮކްރަސީގެ ވާހަކަ ނުދައްކާށޭ ބުނޭ. މުޅި ރާއްޖެ ވިއްކާލާފައެއްނު މިއޮތީ. އެހެންވީމަ ލަދު ހަޔާތުގެ ކަންފުޅެއްވެސް ހުރިއްޔާ އެކަހަލަ ވާހަކަ ނުދައްކާ ގޭގައި މިއަދު ތިބެން ވާނީ." ޔާމީން ވިދާޅުވި އެވެ.

ޕީޕީއެމްގެ ދާއިރާތަކުގެ އިންތިހާބަކީ ރިޔާސީ އިންތިހާބުގެ ކުރިން ބާއްވާ އެންމެ މުހިއްމު އިންތިހާބުކަން ފާހަގަކުރައްވަމުން ޔާމީން ވަނީ މި އިންތިހާބުން ހޮވޭ ފަރާތްތަކުން ހަވާލުވަނީ މުހިއްމު މަސްއޫލިއްޔަތަކާ ކަމަށް ވިދާޅުވެފަ އެވެ.

"ހޮވިވަޑައިގަންނަވާ ކެންޑިޑޭޓުންނަށް ހަވާލުވެތިޔަ ވަޑައިގަންނަވަނީ ވަރަށް މުހިންމު މަސްއޫލިއްޔަތަކާ. ކުރިމަތީ މިއޮތީ 2023 ގެ ރިޔާސީ އިންތިހާބު. އެ އިންތިހާބަކީ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އިންޑިއާ ބަލިކުރާ އިންތިހާބު." ޔާމީން ވިދާޅުވި އެވެ.