Last Updated: March 28, 18:00
Thursday, March 28, 2024
ޚަބަރު

އައްޑޫގައި 5،000 ވަޒީފާ އުފައްދާނަން: ޔާމީން

ކުރީގެ ރައީސް އަބްދުﷲ ޔާމީން - ފޮޓޯ: ޕީޕީއެމް

ވެރިކަން ލިބިއްޖެނަމަ އައްޑޫ ސިޓީގައި 5،000 ވަޒީފާ އުފައްދަވާނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

އައްޑޫ އަށް މިއަދު ފެއްޓެއްވި ދަތުރުފުޅުގެ ތެރެއިން ފޭދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ޔާމީން ވިދާޅުވީ ވެރިކަން އަލުން ލިބިިއްޖެނަމަ ފުރަތަމަ ތިން އަހަރުގެ ތެރޭގައި އައްޑޫގައި އެކަނި 5،000 ވަޒީފާ އުފައްދަވާނެ ކަމަށެވެ.

"ވެރިކަން ހިންގުމުގެ ފުރުސަތު ދެން ލިބިއްޖެނަމަ އައްޑޫ ސިޓީގައި، ހަމައެކަނި މި ސިޓީގައި މަސައްކަތް ކުރާ އައްޑޫ ރައްޔިތުންނަށް، މާލޭގައި ތިބި އައްޑޫ ރައްޔިތުންގެ ވާހަކައެއް ނޫން މި ދައްކަނީ، ހަމައެކަނި މި ސިޓީ އަށް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ފުރަތަމަ ތިން އަހަރުގެ ތެރޭގައި 5،000 ވަޒީފާ އުފައްދާނަން." ޔާމީން ވިދާޅުވި އެވެ.

ޔާމީން ވިދާޅުވީ މިއީ އައްޑޫ ރައްޔިތުންނަށް ވެވަޑައިގަންނަވާ ވައުދެއް ކަމަށާއި އެ ވަޒީފާތައް އުފައްދާނީ އިގްތިސާދީ އެކި މަސައްކަތްތަކުގެ ތެރެއިން ކަމަށެވެ. އަދި މިއީ އައްޑުގައި މިއަދު ޒުވާނުން ބިކަވެފައި ތިބި ތިބުން ނިމުމަކަށް ގެނައުމަށް ކުރާ ކަމެއް ކަމަށްވެސް ޔާމީން ވިދާޅުވި އެވެ.

ވެރިކަމުގެ އިތުރު ދައުރެއް ލިބިއްޖެނަމަ އެންމެ ބޮޑު ކަމަކަށް އޮންނާނީ ދަރަނިތައް ފިލުވުން ކަމަށާއި އޭގެފަހުން އެންމެ އިސްކަމަކަށް އޮންނާނީ ޒުވާނުންގެ ހާލަތު ރަނގަޅު ކުރުން ކަމަށް ޔާމީން ވިދާޅުވި އެވެ. އެގޮތުން ޒުވާނުންގެ ހާލަތު ރަނގަޅު ކުރަން އެންމެ ބޮޑު ކަމެއްގެ ގޮތުގައި އޮންނާނީ ޒުވާނުންނަށް ވަޒީފާ ހޯދައިދީ އާމްދަނީ ހޯދޭނެ ގޮތެއް އޮތުން ކަމަށްވެސް ޔާމީން ވިދާޅުވި އެވެ.

"އޭގެ ނަމްބަރުތަކެއް މިހާރު ހިސާބު ކުރަމުން މިދަނީ. މިހާރު ލަފާކުރާ ގޮތުގައި އުނދަގުލަކަށް ނުވާނެ ފުރަތަމަ ތިން އަހަރުގެ ތެރޭގައި 5،000 އުފައްދާނަން." ޔާމީން ވިދާޅުވި އެވެ.

މިއަދުގެ ޖަލްސާގައި ޔާމީން ވަނީ އެމަނިކުފާނުގެ ވެރިކަމުގައި އައްޑު އަށް ކޮށްދެއްވި ބައެއް ކަންކަން ފާހަގަކުރައްވާފަ އެވެ. އަދި މި ޖަލްސާގައި ފޭދޫ ރައްޔިތުންގެ ފަރާތުން ވަނީ އެ އަވަށަށް ކުރަން ބޭނުންވާ ކަންކަމުގެ ދިގު ލިސްޓެއް ޔާމީނަށް އަރުވާފަ އެވެ.

މިއީ ޖަލުން މިނިވަންވެ ވަޑައިގެންނެވުމަށްފަހު ޔާމީން އައްޑޫ އަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.