Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު

ފިޔާތޮށި ލަޝްކަރު ބަލި ނުކުރެވޭނެ: ޔާމީން

ފިޔާތޮށި ލަޝްކަރު ބަލި ނުކުރެވޭނެ ކަމަށް އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

އައްޑޫ އަށް އިއްޔެ ފެއްވި ދަތުރުފުޅުގެ ތެރެއިން ފޭދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ޔާމީން ވިދާޅުވީ ޕީޕީއެމަށް ދަތި ކަމެއް ދިމާވުމުން އޮޑިން ފުންމާލާފައި ދިޔަ މީހުންނަކީ ޕީޕީއެމްގެ ތެރޭގައި ތިބި މީހުން ނޫން ކަމަށާއި އެމީހުންނަކީ ޕީޕީއެމްގެ ތެރޭގައި ތިބި ބައެއް ނަމަ މިއަދުވެސް ތިބޭނެ ކަމަށެވެ.

ޕީޕީއެމްގައި މިއަދު ތިބީ ރައްޔިތުންގެ ހާދިމުން އަދި ލީޑަރުން ކަމަށާއި ވަތަނީ ފިކުރު ހުރި ރައްޔިތުންނާ އެކީގައި ތިބި ބަޔަކީ އެއީ ކަމަށް ޔާމީން ވިދާޅުވި އެވެ.

"އަޅުގަނޑުމެން ދޫކޮށްލާފައިދިޔަ މީހުން ކޮންތާކުތޯ ވީ؟ އެތިބީ ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގޮނޑީގައި؟ ނޫން. ސިޔާސީ ޕޯޑިއަމްތައް ފަހަތުގައި؟ ކޮބާތޯ މިއަދު އެމީހުން؟ ދުނިޔޭގައި އުޅޭކަން ވެސް ނޭނގޭ ދެއްތޯ." ޔާމީން ވިދާޅުވި އެވެ.

ޔާމީން ވިދާޅުވީ ޕީޕީއެމްގައި މިހާރު ތިބި މެމްބަރުން އިހުލާސްތެރިކަމާއެކީ އަދި ތެދުވެރިކަމާއެކީ ތިބުމަށް އެދޭ ކަމަށާއި ފިޔާތޮށި ލަޝްކަރަކީ ބަލި ކުރެވޭނެ ލަޝްކަރެއް ނޫން ކަމަށެވެ.

"ފިޔާތޮށި ލަޝްކަރަކީ ބަލި ކުރެވޭނެ ލަޝްކަރެއް ނޫން. އަބަދުވެސް އަޅުގަނޑުމެން ގަދަވާނެ އިރާދަކުރެވިއްޔާ. މި ޕާޓީގެ ލީޑަރުންނަށް ތިބި މީހުންނަކީ އަމިއްލަ މުހުތާދުތަކެއް ފުއްދާކަށް މިކަމުގައި ނިކުމެ އުޅޭ މީހުންނެއް ނޫން." ޔާމީން ވިދާޅުވި އެވެ.

ޕީޕީއެމްގެ ތާއީދު ބޮޑުވެގެންދާތަން ފެންނަނީ އެއް އަޒުމެއްގައި އެންމެން ވެސް ތިބުމުން ކަމަށާއި އިލެކްޝަންސް ކޮމިޝަނުން ކިތަންމެ ވަރަކަށް ޕީޕީއެމްގެ ފޯމުތައް ވަގަށް ނަގާ އެހެން ޕާޓީތަކަށް ދެއްކިޔަސް އެ ޕާޓީތަކުގައި ތާއީދެއް ނެތް ކަމަށް ޔާމީން ވިދާޅުވި އެވެ. އަދި ސިޔާސީ މަސައްކަތުގައި އެންމެ މުހިއްމީ އިހުލާސްތެރިކަން ކަމަށްވެސް ޔާމީން ވިދާޅުވި އެވެ.