Last Updated: November 30, 22:14
Wednesday, November 30, 2022
ޚަބަރު

އަމީރުގެ އިސްތިއުފާ އަށް މަޓާޓޯ އިން ގޮވާލައިފި

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު - ފޮޓޯ: ރައީސް އޮފީސް

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މަގާމުން އިސްތިއުފާ ދެއްވަން މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) އިން ގޮވާލައިފި އެވެ.

މަޓާޓޯ އިން މިކަމަށް ގޮވާލީ ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑުކުރަން ސަރުކާރުން ނިންމި ނިންމުމާ ގުޅިގެން ނެރުނު ބަޔާނެއްގަ އެވެ.

ޓެކްހަށް އަންނަ އަހަރުގެ ޖެނުއަރީން ފެށިގެން ގެންނަން ނިންމި ބަދަލާ އެކީ ޓީޖީއެސްޓީ 12 ޕަސެންޓުން 16 ޕަސެންޓަށް، އަދި ޖީއެސްޓީ 6 ޕަސެންޓުން 8 ޕަސެންޓަށް ބޮޑުވާނެ އެވެ. ސަރުކާން ބުނެފައިވާ ގޮތުގައި ޓެކްހުގެ ގާނޫނަށް ގެނައި މި އިސްލާހު މައިގަނޑު ބޭނުމަކީ ދައުލަތުގެ ހަރަދުގެ ސިޔާސަތުތަކާއި ދުނިއޭގެ އިގުތިސާދަށް އަންނަ ބަދަލުތަކުގެ ސަބަބުން ދައުލަތުގެ އާމްދަނީ އިތުރުކުރުމެވެ.

މަޓާޓޯ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ޓެކްސް ބޮޑުކުރަނީ އައިއެމްއެފާއި ވޯލްޑް ބޭންކުގެ އިރުޝާދުގެ މަތިން ކަމަށް ވިދާޅުވެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ހެއްދެވީ އިތުރުފުޅެއް ކަމަށެވެ. އެގޮތުން އެ އިދާރާތަކުގެ މަންދޫބާއި ބައްދަލުކޮށް ދެއްކި ވާހަކަތަކުން އެކަން އެނގިގެންދިޔަ ކަމަށާއި ޓެކްސް ބިލު ފާސްކުރަން އަމީރު މަޖިލީހަށް ދެއްވީ ވެސް ދޮގު މައުލޫމާތުތަކެއް ކަމަށް އެ ބަޔާނުގައި ވަނީ ތުހުމަތުކޮށްފަ އެވެ.

މަޓާޓޯ އިން ވަނީ އަމީރަކީ މިފަދަ މަގާމެއް އަދާކުރުމުގެ ގާބިލުކަން ހުރި ބޭފުޅެއް ނޫން ކަމަށާއި މަގާމުން އިސްތިއުފާ ދެއްވުމަށް ވެސް ގޮވާލާފަ އެވެ.

މި ބަޔާނުގައި ވަނީ ކުއްލި ގޮތަކަށް ޓެކްސް ބޮޑުކުރުމުގެ ސަބަބުން ޓޫރިޒަމްގެ ހިދުމަތްދޭ ތަންތަނަށް ކުރާ އަސަރު ދެނެގަތުމަށް ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކާއެކު ފުޅާ ދާއިރާއެއްގައި މަސައްކަތް ކޮށްފައިވާ ކަމަށްވެސް ބުނެފަ އެވެ. އެގޮތުން އަންނަ އަހަރުގެ ފުރަތަމަ ކުއާޓާގައި ފަތުރުވެރިކަމުގެ ވިޔަފާރިތަކަށް 50 މިލިއަން ޑޮލަރުގެ ގެއްލުމެއްވާނެ ކަމަށާއި އޭގެ ތެރޭގައި ރިސޯޓުތަކާއި ސަފާރީ ޔޮޓުފަހަރާއި ހޮޓަލާއި ގެސްޓުހައުސްތައް ހިމެނޭ ކަމަށް މަޓާޓޯ އިން ބުނެ އެވެ.

މަޓާޓޯ އިން ބުނިގޮތުގައި ޓެކްސް ބޮޑުކުރުމުން ފަތުރުވެރިކަމުގެ ސިނާއަތުގެ މަސައްކަތްތެރިންނަށް ވެސް ނޭދެވޭ އަސަރުކުރާނެ އެވެ. އެގޮތުން މީގެ ސަބަބުން އެވެރެޖުކޮށް ކޮންމެ މުވައްޒަފަކަށް ލިބޭ ސާވިސް ޗާޖުން 2،000ރ އުނިވާނެ ކަމަށް ބެލެވޭ ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.