އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓް 36 ބިލިއަނަށް ކުޑަކުރަން އިދިކޮޅު ފަރާތްތަކުން ބަޖެޓަށް އިސްލާހު ހުށަހަޅައިފި އެވެ.
އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ، 42.6 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ނަމަވެސް އެ ބަޖެޓަށް 160 މިލިއަން ރުފިޔާ އިތުރުކޮށް ބަޖެޓް ކޮމިޓީން ފާސްކޮށް މަޖިލިސް ތަޅުމަށް ހުށަހަޅާފައި ވަނީ 42.8 ބިިލިޔަން ރުފިޔާގެ ބަޖެޓެކެވެ.
އިދިކޮޅު ޕީޕީއެމް-ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕުން ނެރުނު ބަޔާނެއްގައި ބުނީ އަންނަ އަހަރުގެ ބަޖެޓަކީ ދިވެހި އިގްތިސާދަށް ވަރަށް ބޮޑެތި ނޭދެވޭ އަސަރުތަކެއް ކުރުވާނެ ބަޖެޓެއް ކަމަށެވެ. އެގޮތުން ބަޖެޓްގެ އަސާސްތައް ބިނާކޮށްފައިވަނީ ދިވެހިންގެ އަތުން ފައިސާ ހޯދައިގެން ސަރުކާރުގެ ސިޔާސީ ބޭނުންތަކަށް ހަރަދުކުރުމަށް ކަމަށް އިދިކޮޅުން ބުނެ އެވެ.
އިދިކޮޅުން ބުނީ މި ބަޖެޓުން 36 ބިލިއަން ރުފިޔާ އަށް ކުޑަކޮށް މަސްވެރިންނަށް ސީދާ މަންފާކުރާނެ ގޮތަށް 297،474،863ރ. މަސްވެރިންގެ ސަބްސިޑީ އަށް އިތުރުކުރަން ބަޖެޓް ދިރާސާކުރާ ކޮމިޓީގެ ރިޕޯޓަށް އިސްލާހު ހުށަހަޅާފައިވާނެ ކަމަށވެެ. އަދި ސިޔާސީ ތައައްސުބުން އެއްކިބާވެ ގައުމުގެ ހައްގުގައި އިދިކޮޅުން ހުށަހަޅާފައިވާ އިސްލާހުތަކަށް މަޖިލީހުގެ ހުރިހާ މެމްބަރުން ވެސް ތާއީދުކޮށްދޭން ވަނީ އެދިފަ އެވެ.
އަންނަ އަހަރަށް ލަފާކޮށް ހުށަހެޅި ބަޖެޓަށް ވޯޓަށް އެހުން މާދަމާގެ ޖަލްސާގައި އޮންނާނެ އެވެ.