Last Updated: April 18, 22:36
Thursday, April 18, 2024
ޚަބަރު

ޔާމީންގެ ޝަރީއަތް ނިންމާލައިފި، ދެން އޮތީ ހުކުމް

ކުރީގެ ރައީސް އަބްދުﷲ ޔާމީން - ފޮޓޯ: ޕީޕީއެމް

ވ. އާރަށުގެ މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާގެ ޝަރީއަތް ކްރިމިނަލް ކޯޓުން ނިންމާލައި، ހުކުމް ކުރަން ތައްޔާރުވެއްޖެ އެވެ.

މި މައްސަލާގައި ޔާމީންގެ މައްޗަށް އުފުލާފައިވަނީ މަނީ ލޯންޑްރިންގެ ދަޢުވާ އާއި، ރިޝްވަތު ޤަބޫލުކުރުމުގެ ކުށުގެ ދައުވާ އެވެ. އާރަށު މައްސަލައިގައި ކުރީގެ މަޖިލިސް މެމްބަރު ޔޫސުފް ނަޢީމްގެ މައްޗަށް ވެސް ވަނީ ދައުވާ އުފުލާފަ އެވެ. އޭނާގެ މައްޗަށް އުފުލާފައިވަނީ ރިޝްވަތު ދިނުމުގެ ދަޢުވާ އެވެ.

ކްރިމިނަލް ކޯޓުގައި މިއަދު އޮތީ މި މައްސަލައިގެ ހުލާސާ ބަޔާން އިއްވުމެވެ. ދެ ފަރާތުން ވެސް ހުލާސާ ބަޔާން އިއްވައި ނިމުމުން ގާޒީ އަހުމަދު ޝަކީލު ވިދާޅުވީ މި މައްސަލައިގެ އަޑުއެހުންތައް ނިމުނީ ކަމަށާއި ދެން އޮންނާނީ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގައި ބަޔާންކުރާ ގޮތަށް މައްސަލައިގެ ހުކުމް އިއްވުން ކަމަށެވެ. ނަމަވެސް ހުކުމް އިއްވާނެ ތާރީހެއް އިއުލާންކޮށްފައެއް ނުވެ އެވެ.

ގާޒީ ޝަކީލު ވިދާޅުވީ ޝަރީއަތަށް މައްސަލަ ހުށަހެޅުނީ ނޮވެމްބަރު 24، 2021 ވަނަ ދުވަހު ކަމަށާއި މި މައްސަލާގައި ގާތްގަނޑަކަށް 60 ގަޑިއިރުގެ އަޑުއެހުން ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.

މިމައްސަލައާ ގުޅިގެން މީގެކުރިން ޕީޖީ އޮފީހުން ބުނެފައިވަނީ ޔާމީން އާއި ޔޫސުލް ނައީމް މިނިސްޓްރީ އޮފް ޓްއަރިޒަމް އާއި މޯލްޑިވްސް މާރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން މެދުވެރިކޮށް ޓުއަރިސްޓް ރިޒޯޓް ތަރައްޤީ ކުރުމަށްޓަކައި ވ.އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން އޭރުގެ ރައީސުލްޖުމްހޫރިއްޔާ މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ރިޝްވަތުގެ ގޮތުގައި އެއްމިލިއަން ޔޫއެސް ޑޮލަރ ނަގައި ލޯންޑަރ ކޮށްފައިވާ ކަމަށެވެ.

ޔާމީންގެ މައްޗަށް މި ދައުވާ ސާބިތުވެއްޖެ ނަމަ އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު އެމަނިކުފާނަށް ގެއްލޭނެ އެވެ. ޔާމީނަކީ އިދިކޮޅު ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓެވެ.