Last Updated: April 25, 12:03
Thursday, April 25, 2024
ޚަބަރު

މަހާޒަށް ކުރާ ތުހުމަތު: ޔާމީން މިނިވަންވުމުގެ އުފަލުގައި ބައިވެރިވުން

ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒް އަލީ ޒާހިރާއި ގުޅޭގޮތުން ހުށަހެޅުނު ޝަކުވާގެ ތަފްސީލު ޖުޑީޝަލް ސާވިސް ކޮމިޝަނުން މިރޭ ހާމަކޮށްފި އެވެ.

ޖޭއެސްސީން ނެރުނު ބަޔާނެއްގައި ބުނީ މަހާޒްއާ ގުޅޭގޮތުން ކޮމިޝަނަށް ހުށަހެޅުނު ޝަކުވާއަކީ މަހާޒު ބެންޗުގައި ހިމެނޭ ގޮތުން ސުޕްރީމް ކޯޓުން ބެއްލެވި ޤަޟިއްޔާއެއްގައި ވަކި ގޮތަކަށް ހުކުމް ކުރެއްވުމުން އެ ކަމުގެ އުފަލުގައި އެ ޤަޟިއްޔާގައި ހިމެނޭ ޚަސްމެއްގެ ސަޕޯޓަރަކު ފޮނުވި ޖާފަތަކާ ހަވާލުވެ ފަރީއްކުޅުވައި އެ އުފަލުގައި ބައިވެރިވެވަޑައިގެންނެވި ކަމުގެ ޝަކުވާ ކަމަށެވެ.

ޖޭއެސްސީން އިޝާރާތް ކުރައްވާ ޤަޟިއްޔާ އަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ހުކުމް ކުރުމަށް ސުޕްރީމް ކޯޓުން ބޭއްވި ޤަޟިއްޔާ އެވެ. އެގޮތުން ޔާމީންގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ނިންމީ ފަނޑިޔާރު މަހާޒް އާއި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު އަދި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމް ހިމެނިވަޑައިގަންނަވާ ބެންޗަކުންނެވެ.

ޖޭއެސްސީން ބުނީ މި ޝަކުވާއާ ގުޅޭ ގޮތުން މައުލޫމާތު ސާފުކުރުމަށް ތަކުރާރުކޮށް ސުޕްރީމް ކޯޓަށް ސިޓީ ފޮނުވުމުން ވެސް އެ ދުވަހުގައި ފަރީއްކޮޅެއް އޮތްކަމަށް ވިދާޅުވުން ފިޔަވައި، އެ ފަރީއްކޮޅާ ގުޅޭ މައުލޫމާތު ސާފުކޮށްދެއްވުމަށް ތަކުރާރުކޮށް އިއުތިރާޒުކުރެއްވި ކަމަށެވެ. އަދި ފަރީއްކޮޅު އިންތިޒާމުވި ގޮތާއި އެކަމަށް ހަރަދުކުރި ގޮތުގެ ތަފުސީލު ހޯދުމަށް ކުރި މަސައްކަތަށް ގަސްތުގައި އިޖާބަދެއްވާފައި ނުވާ ކަމަށް ޖޭއެސްސީން ބުނެ އެވެ.

އެއާއެކު، މަހާޒު މަސައްކަތްކުރައްވާ ސެކްޝަންގެ ބައެއް މުވައްޒަފުން ކޮމިޝަނަށް ހާޒިރުކޮށް އެ ފަރީއްކޮޅާ ގުޅޭ މައުލޫމާތު ސާފުކުރެވުނު ކަމަށާއި މި ސާފުކުރެވުނު މައުލޫމާތުން މި ފަރީއްކޮޅާމެދު ޝަކުވާގައި ފާހަގަކޮށްފައިވާ ކަންކަމަށް ބާރުދޭ ބައެއް ކަންކަން ހާމަވެފައިވާ ކަމަށް ޖޭއެސްސީން ބުނެ އެވެ. އަދި މިފަދަ ތުހުމަތުތަކުގެ ހަގީގަތް ހޯދުމަކީ ހުރިހާ ގޮތަކުން ވެސް ބޭނުންތެރި ކަމެއްކަމަށް ފެންނާތީ މި މައްސަލަ ތަހުގީގުކުރަން ނިންމީ ކަމަށް ޖޭއެސްސީން ބުނެ އެވެ.

"ތުހުމަތު ރައްދުވާ ފަނޑިޔާރަށް މިޝަކުވާއާ ގުޅުންހުރި މައުލޫމާތު ހާމަ ކުރުމުގެ ފުރުސަތު ލިބިފައިވާކަމަށާއި ނަމަވެސް އެ މައުލޫމާތު މިކޮމިޝަނަށް އެއްވެސް މިންވަރަކަށް ހާމަކޮށްފައިނުވާކަމަށާއި، އެޝަކުވާއާ ގުޅިގެން ފަނޑިޔާރުގެ ބަސް އިއްވަވައި ލިޔެކިޔުން ހިއްސާކުރައްވަން އިޚްތިޔާރުކުރައްވާފައިވަނީ މީޑިއާ މެދުވެރިކޮށްކަން މިކޮމިޝަނުން ފާހަގަކުރަމެވެ." ޖޭއެސްސީން ބުނެ އެވެ.

ޖޭއެސްސީން ބުނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަކީ މުޅި ޖުޑިޝަރީ ނަމޫނާއަކަށް ބަލާ ބޭފުޅުންކަމަށްވީއިރު، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަކީ އެންމެ މަތީ ދަރަޖައިގެ އަޚްލާޤީ މިންގަނޑު ނަގަހައްޓައި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑު ދަމަހައްޓަންޖެހޭނެ ބައެއް ކަމަށެވެ.

އަދި ކޮމިޝަނަށް ހުށަހެޅޭ ޝަކުވާތަކާ ގުޅިގެން ގޮތް ނިންމަމުން ދަނީ ކޮންމެ ދަރަޖައެއް އަދި ގިންތިއެއްގެ ފަނޑިޔާރެއްކަމުގައި ވިޔަސް އެއް ހަމަ އުސޫލަކުން ތަފާތުކުރުމެއްނެތި ކަމަށްވެސް ޖޭއެސްސީގެ ބަޔާނުގައި ބުނެފައިވެ އެވެ.