Last Updated: April 23, 23:56
Tuesday, April 23, 2024
ޚަބަރު

މަސައްކަތް ކުރަނީ ރައްޔިތުން އެދޭގޮތަށް ތަރައްގީ ގެންނަން

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް- ފޮޓޯ: ރައީސް އޮފީސް

މަސައްކަތް ކުރައްވަނީ ރައްޔިތުން އެދޭ ގޮތަށް ތަރައްގީ ގެނައުމަށް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ މާޅޮހު ކައުންސިލާއި، އެރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނާއެކު ބޭއްވި ބައްދަލުކުރެއްވުމުގަ އެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ މާޅޮހުގެ ތަރައްޤީއާ ގުޅޭ މަޝްރޫޢުތަކުގެ ފަހުގެ މަޢުލޫމާތުތައް ކައުންސިލާ ޙިއްޞާ ކުރައްވާފަ އެވެ. އަދި، ކައުންސިލާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީން ފާހަގަކުރެއްވި ކަންކަމުގައި ސަރުކާރުގެ އިދާރާތަކާ މަޝްވަރާކުރައްވައިގެން އެދެވޭ ޙައްލުތަކެއް ހޯދުމަށް މަސައްކަތް ކޮށްދެއްވާނެކަމުގައި ވިދާޅުވި އެވެ.

ރައީސް ވަނީ ސަރުކާރުން ރަށްރަށަށް ތަރައްޤީ ގެނައުމުގައި ކައުންސިލްތަކާ އެކީ މަޝްވަރާ ކުރައްވައިގެން ރައްޔިތުން އެންމެ އެދޭ ގޮތަށް ކަންކަން ކުރިޔަށްގެންދެވޭތޯ މަސައްކަތްކުރައްވާ ކަމަށްވެސް ވިދާޅުވެފަ އެވެ.

މި ބައްދަލުކުރެއްވުމުގައި މާޅޮހު ކައުންސިލް މެންބަރުން ވަނީ މީގެ ކުރިން ރައީސުލްޖުމްހުރިއްޔާ ވަޢުދުވެވަޑައިގެންނެވި ގޮތަށް މާޅޮހުގައި ފެނާ ނަރުދަމާގެ ނިޒާމް ޤާއިމުކުރުމުގެ މަޝްރޫޢު ފަށައިގެން މިހާރު ކުރިޔަށްދާކަމަށާއި، ފާއިތުވި ސަރުކާރުތަކުން ކުދި ރަށްތަކުގެ ތަރައްޤީ ވަރަށް ބޮޑަށް ދޫކޮށްލާފައިވީ ނަމަވެސް މި ސަރުކާރުން ކުދި ރަށްތަކަށް ވެސް ތަރައްޤީ ގެނައުމަށް މަސައްކަތް ކުރައްވަމުންދާކަން ފާހަގަކުރައްވާފަ އެވެ.