ރޭ މާލޭގައި ހިންގި ދެ އޮޕަރޭޝަނެއްގައި ބަނގުރާ ގިނަ އަދަދެއްގެ ފުޅިތަކެއް ހޯދައިން ތިން މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ އެ އޮޕަރޭޝަންތަކުގެ ތެރެއިން ރޭ 8:00 އެހާކަށްހާ އިރު ހިންގި އޮޕަރޭޝަނަކީ މާލޭ ގެއެއްގައި ބަނގުރާ ކައްކާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއް ކަމަށެވެ. ޑްރަގް އެންފޯސްމަންޓުން ހިންގި އެ އޮޕަރޭޝަނުގައި 32 އަހަރުގެ ބިދޭސީ ފިރިހެނަކު ހައްޔަރުކޮށް އޭނާ ދިރިއުޅޭ ގެ ބަލައިފާސްކޮށްފައިވެ އެވެ. އެ ގެ ބަލައިފާސްކޮށް ބަނގުރާ ކެއްކުމަށް ބޭނުންކުރާކަމަށް ބެލެވޭ ތަކެއްޗާއި ބަނގުރާ ކަމަށް ބެލެވޭ އެއްޗެއް ހުރި ފަސް ލީޓަރުގެ ތިން ފުޅިއާއި ބަނގުރާ ކަމަށް ބެލެވޭ އެއްޗެއްހުރި 500 އެމްއެލްގެ 52 ފުޅި ފެނިފައިވެ އެވެ.
ރޭ ހިންގި ފުރަތަމަ އޮޕަރޭޝަނަކީ ގެއެއްގައި ބަނގުރާ ގެންގުޅޭ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ. އިރާކޮޅު ހިންގި އެ އޮޕަރޭޝަނުގައި 25 އަހަރުގެ މީހަކާއި 26 އަހަރުގެ ބިދޭސީއަކު ހައްޔަރުކޮށްފައިވެ އެވެ. އެ އޮޕަރޭޝަންގައި ހައްޔަރުކުރި ދެ މީހުންނާ ގުޅުން ހުރި މާލޭގެ ދެ ގެއެއް ބަލައި ފާސްކުރި އިރު 192 ފުޅި ބަނގުރަލާއި 111 ދަޅު ބިޔަރު ފެނިފައިވެ އެވެ.
މި ދެ މައްސަލަ ވެސް މިހާރު އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.