ކުރީ ވެރިކަމުގެ ފަސް އަހަރަކީ ބިރުވެރި ފަސް އަހަރު ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި އދ. ދަނގެއްޗަށް މިއަދު ވަޑައިގެން އެރަށުގައި ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ފާއިތުވި ހަތަރު އަހަރުތެރޭ މުޅި ރާއްޖެ އަށް ހަމަޖެހުމާއި، ހިތްހަމަޖެހުމާއި މިނިވަންކަން ގެނެސްދެވިފައިވާ ކަމަށާއި ފާއިތުވި ފަސް އަހަރު ރައްޔިތުން ތަހައްމަލު ކުރީ އުނދަގޫ ދުވަސްތަކެއް ކަމަށެވެ.
ރާއްޖޭގެ އެއްވެސް ރައްޔިތަކު އެނބުރި އެ ދުވަސްތައް ދެކެން ބޭނުން ނުވާނެ ކަމަށާއި އަދި އެ ބިރުވެރިކަން ވެސް ތަހައްމަލު ކުރަން ބޭނުން ނުވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
"ބޭނުން ވާނީ ރަށްރަށަށް ބޭނުންވެފައި މިހުރި އަސާސީ ހިދުމަތްތައް ފޯރުކޮށްދީ އަދި ރަށުގައި ތިބެގެން އާމްދަނީއެއް ލިބޭނެ ގޮތްތައް ފަހިވުމާއި ރަށުގައި ތިބެގެން ސިއްހީ ހިދުމަތް ގާތުން ލިބުމާއި ދަރިންނަށް ތައުލީމު ލިބޭނެ ގޮތްތަކެއް ހޯދުން. އެ އުއްމީދު މިއަދު މުޅި ރާއްޖޭގެ ކަންކޮޅުތަކުން އެބަފެނޭ." ރައީސް ވިދާޅުވި އެވެ.
ރައްޔިތުންނަށް މިއަދު ކަންތައްތަކެއް ވަމުންދާތަން ފެންނަމުންދާ ކަމަށާއި މި ސަރުކާރުން ރަށްރަށުގެ ތަރައްގީއަށް މަސައްކަތްތަކެއް ކުރާކަން ރައްޔިތުންނަށް ޔަގީންވެފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ގޮތެއް ނިންމާއިރު މިކަމާ މެދު ވިސްނުން ގެންގުޅުމަށް ރައީސް ވަނީ އިލްތިމާސްކުރައްވާފަ އެވެ.
އެމްޑީޕީގެ ިރިޔާސީ ޕްރައިމަރީ އޮންނާނީ އަންނަ ހޮނިހިރު ދުވަހު އެވެ. ޕްރައިމަރީ ގާތްވަމުން އަންނަ އިރު، ރައީސާއި ނަޝީދު ވެސް ގެންދަވަނީ ވަރަށް ފޯރީގައި ކެމްޕޭން ކުރައްވަމުންނެވެ.
މި އަހަރުގެ ރިޔާސީ އިންތިހާބު އޮންނާނީ ސެޕްޓެމްބަރު 9 ގަ އެވެ.