އެމްޑީޕީ އަކީ އައްޑޫ ސިޓީގެ އެންމެ މުހިއްމު ބައިވެރިޔާ ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
މިއަދު ހަވީރު ފޭދޫގެ އެމްޑީޕީ މެމްބަރުންނާ އެކު ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ނަޝީދު ވިދާޅުވީ 2018 ގައި އުފެދުނީ އިއްތިހާދުގެ ސަރުކާރެއް ކަމަށާއި މި ސަރުކާރު އުފެދިގެން އައިއިރު އައްޑޫ އަށް ނިސްބަތްވާ ވަޒީރަކު ނެތީ އައްޑޫގައި އިއްތިހާދުގެ ޕާޓީތަކަށް ނިސްބަތްވާ އެއްވެސް ގޮނޑިއެއް ނެތުމުން ކަމަށެވެ.
އޭގެ ސަބަބުން ސަރުކާރު އެކުލެވިގެން ދިޔައީ އައްޑޫ އެއީ ސަރުކާރުގެ މުހިއްމު ބައިވެރިއެއްގެ ގޮތުގައި ނުވެ ކަމަށް ނަޝީދު ވިދާޅުވި އެވެ.
"އެމްޑީޕީ އަކީ އައްޑޫގެ އެންމެ މުހިއްމު ބައިވެރިޔާ. އެމްޑީޕީ އަށް ލިބި އޮތް ސަރުކާރުގެ ހިއްސާ އަކީ 40 ޕަސެންޓް. އެ 40 ޕަސެންޓްގެ ތެރޭގައި އައްޑޫ ވަޒީރަކު ބޭފުޅަކު ނުހިމެނުނު. އެހެން ނަމަވެސް އައްޑޫގެ ފަރާތުން ވަކާލާތު ކުރާ މީހުން މަދެއް ނޫން." ނަޝީދު ވިދާޅުވި އެވެ.
އައްޑޫގެ ބައިވެރިވުމަށް ސަރުކާރުގައި އައްޑޫގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި އަދި އެހެން ބޭފުޅުން ވެސް ވަކާލާތު ކުރެއްވި ކަމަށާއި އެގޮތުން އައްޑޫ އަށް ނިސްބަތްވާ ދެ ބޭފުޅަކު މިހާރު ވަޒީރުކަމުގައި އެބަ ތިއްބެވި ކަމަށް ނަޝީދު ވިދާޅުވި އެވެ. އަދި އައްޑޫގެ ތަރައްގީގެ މަސައްކަތްތައް ކުރުމަށް އިންޑިއާ އިން ނެގި ކްރެޑިޓް ސްކީމެއް ނެގި ނަމަވެސް އެ މަސައްކަތްތައް ރޭވިގެން ދިޔައީ ވަރަށް ރޭވުންތެރިކަން ކުޑަކޮށް ކަމަށް ނަޝީދު ވިދާޅުވި އެވެ.
"މުޅި ސިޓީ އެކީގައި އެއީ ވޯކް ސައިޓެއްގެ ގޮތުގައި ބަލާ، އެއްފަހަރާ ހުރިހާ މަގެއް ކޮންނާން ފެށުނީ. މިދިޔަ ފަސް އަހަރު މި ސިޓީގެ ހުރިހާ ތަނެއް މިއޮތީ ކޮންސްޓްރަކްޝަން ސައިޓެއްގެ ގޮތުގައި." ނަޝީދު ވިދާޅުވި އެވެ.
މިކަމުގައި ރައްޔިތުންގެ ހުރި ކަންބޮޑުވުން ވަރަށް ރަނގަޅަށް ސާފުވާ ކަމަށާއި އެއީ ދެރަކޮށް ހިނގާފައިވާ ކަމެއް ކަމަށްވާއިރު މިވަގުތު ކުރެވެން އޮތީ ކަމަކީ ވީހާވެސް އަވަހަކަށް އެ މަސައްކަތް ނިންމުން ކަމަށް ނަޝީދު ވިދާޅުވި އެވެ.