Last Updated: April 24, 23:11
Thursday, April 25, 2024
ޚަބަރު

މިވަރުން ދާނަމަ ނަޝީދު ވެސް ހައްޔަރުކުރާނެ: އީވާ

އީވާ އަބްދުﷲ - ފޮޓޯ: މަޖިލިސް

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހައްޔަރުކޮށްފައި ނޫނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހުއްޓާލާނެހެން ހީނުވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވެއްޖެ އެވެ.

އީވާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގދ. ރަތަފަންދޫ ވޯޓުފޮށި ކައިރީ ހުރި ރައީސް ނަޝީދު ގެ މަންދޫބުވެސް ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި މިދާ ވަރުން ދާނަމަ ރައީސް ނަޝީދު ހައްޔަރުކޮށްފައި ނޫނީ ރައީސް ސޯލިހު ހުއްޓާލާނެހެން ހީނުވާ ކަމަށްވެސް އީވާ ވިދާޅުވި އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ވޯޓުލުން ކުރިއަށްދާއިރު މައްސަލަތަކެއް ފާހަގަކޮށް ސޯޝަލް މީޑިއާގައި އެކަން އަންނަނީ ހިއްސާކުރަމުންނެވެ. އެގޮތުން ވޯޓުލާ ލިސްޓުގައި ނަން ނެތް މީހުން ވޯޓުލުމާއި، މީހުންގެ ބަދަލުގައި އެހެން މީހުން ވޯޓުލުންފަދަ މައްސަލަތަކެއް އަންނަނީ ފާހަގަ ކުރަމުންނެވެ. އަދި ގައްދޫގައި "ބޮޑީ ކެމެރާ" ހަރުކޮށްގެން ވޯޓުލީ ކަމަށްބުނެ ވޯޓުލާ މަރުކަޒުގައި ހަމަނުޖެހުން ހިނގިއިރު ބައެއް ރަށްރަށުގެ ވޯޓު ފޮށިތައް ވަނީ ފަޅާލާފަ އެވެ.

އެމްޑީޕީ ރިޔާސީ ޕްރައިމަރީގެ ވޯޓުލުން ކުރިއަށްދާނީ ހެނދުނު 9 އިން ހަވީރު 5 ޖެހުމާ ހަމައަށެވެ.

މި އިންތިހާބުގައި 57،257 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވެއެވެ. އަދި ޖުމުލަ 243 ވޯޓު ފޮށި މި އިންތިހާބުގައި ބަހައްޓާފައިވެއެވެ.