Last Updated: April 19, 21:43
Friday, April 19, 2024
ޚަބަރު

ވޯޓު ފޮށި ފަޅާ މީހުންނަށް ފިޔަވަޅު އަޅާނެ: އެމްޑީޕީ

މިހާރު ކުރިއަށްދާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވޯޓު ފޮށިތައް ފަޅާ މީހުންނަށް ފިޔަވަޅު އަޅާނެ ކަމަށް އެމްޑީޕީން ބުނެފި އެވެ.

އެމްޑީޕީން ކުރި ޓްވީޓެއްގައި ބުނީ ރިޔާސީ ޕްރައިމަރީގައި ވޯޓުލާ މަރުކަޒުތަކުގައި ހުރި ވޯޓު ފޮށިތައް ފަޅާ އެކި ވަރުގެ ގެއްލުންތައް ދިނުމުގެ އެއްވެސް ހަރަކާތެއް ނުހިންގުމަށް އިންތިހާބުގައި ވާދަކުރައްވާ ދެ ކެންޑިޑޭޓުންގެ ޓީމުތަކަށާއި އެންމެހާ މެމްބަރުންނަށް އިލްތިމާސްކުރާ ކަމަށެވެ.

"މިފަދަ ގެއްލުންތައް ޕާޓީއަށް ދޭ މެމްބަރުންނާ މެދު ޕާޓީގެ ތެރެއިން އެޅެން ހުރި ފިޔަވަޅު އަޅާނެ ވާހަކަ ދަންނަވަން." އެމްޑީޕީން ބުނެ އެވެ.

އެމްޑީޕީން ވަނީ އިންތިހާބު ކުރިއަށް ގެންދިއުމަށް ކުރަންޖެހުނު ކޮންމެ ކަމެއް ކުރާނެކަމުގެ ޔަގީންކަން ވެސް މެމްބަރުންނަށް އަރުވާފަ އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ވޯޓުލުން ކުރިއަށްދާއިރު ބައެއް ރަށްރަށުގައި ވަރަށް އޮމާން ކަމާއެކު ވޯޓުލުމުގެ ކަންތައްތައް ކުރިއަށްދިޔަ ނަމަވެސް ބައެއް ރަށްތަކުގައި ވޯޓުލުން އަންނަނީ ވަރަށް ހޫނުކޮށެވެ. އެގޮތުން ވޯޓުލާ ލިސްޓުގައި ނަން ނެތް މީހުން ވޯޓުލުމާއި، މީހުންގެ ބަދަލުގައި އެހެން މީހުން ވޯޓުލުންފަދަ މައްސަލަތަކެއް އަންނަނީ ފާހަގަ ކުރަމުންނެވެ. އަދި ގައްދޫގައި "ބޮޑީ ކެމެރާ" ހަރުކޮށްގެން ވޯޓުލީ ކަމަށްބުނެ ވޯޓުލާ މަރުކަޒުގައި ހަމަނުޖެހުން ހިނގިއިރު ބައެއް ރަށްރަށުގެ ވޯޓު ފޮށިތައް ވަނީ ފަޅާލާފަ އެވެ.

އެމްޑީޕީ ރިޔާސީ ޕްރައިމަރީގެ ވޯޓުލުން ކުރިއަށްދާނީ ހަވީރު 5 ޖެހުމާ ހަމައަށެވެ.