Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު

ވޯޓު ފޮށިތައް ފަޅަނީ އީވާ މުގުލުގައި ހުރެގެން

މިހާރު ކުރިއަށްދާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވޯޓު ފޮށިތައް ފަޅަމުންދަނީ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ މުގުލުގައި ހުރެގެން ކަމަށް ފޭދޫ ދާއިރާގެ މެމްބަރު މުހައްމަަދު ނިހާދު ވިދާޅުވެއްޖެ އެވެ.

ނިހާދު ވިދާޅުވީ އީވާ މުގުލުގައި ހުރެގެން ހުރިހާ ވޯޓު ފޮށިތަކެއް ފަޅާ ހަމަނުޖެހުން ހިންގާ އިންތިހާބު ހަރާބުކޮށްލަން އަންގަމުންދާ ކަމަށެވެ. މިއީ ދެރަ ކަންކަން ކަމަށާއި ފެށީ ވެސް ފިތުނައިން ކަމަށްވާއިރު ނިންމަން ވެސް އުޅެނީ ހަމަ އެ މަގުން ކަމަށް ނިހާދު ވިދާޅުވި އެވެ.

ބައެއް ރަށްރަށުގައި ވޯޓު ފޮށިތައް ފެޅުމުގެ މައްސަލަ ފެންމަތިވެފައިވާއިރު އެމްޑީޕީން ވަނީ ރިޔާސީ ޕްރައިމަރީގައި ވޯޓުލާ މަރުކަޒުތަކުގައި ހުރި ވޯޓު ފޮށިތައް ފަޅާ އެކި ވަރުގެ ގެއްލުންތައް ދިނުމުގެ އެއްވެސް ހަރަކާތެއް ނުހިންގުމަށް އިންތިހާބުގައި ވާދަކުރައްވާ ދެ ކެންޑިޑޭޓުންގެ ޓީމުތަކަށާއި އެންމެހާ މެމްބަރުންނަށް އިލްތިމާސްކޮށްފަ އެވެ.

"މިފަދަ ގެއްލުންތައް ޕާޓީއަށް ދޭ މެމްބަރުންނާ މެދު ޕާޓީގެ ތެރެއިން އެޅެން ހުރި ފިޔަވަޅު އަޅާނެ ވާހަކަ ދަންނަވަން." އެމްޑީޕީން ބުނެ އެވެ.

އެމްޑީޕީން ވަނީ އިންތިހާބު ކުރިއަށް ގެންދިއުމަށް ކުރަންޖެހުނު ކޮންމެ ކަމެއް ކުރާނެކަމުގެ ޔަގީންކަން ވެސް މެމްބަރުންނަށް އަރުވާފަ އެވެ.

އެމްޑީޕީ ރިޔާސީ ޕްރައިމަރީގެ ވޯޓުލުން ކުރިއަށްދާނީ ހަވީރު 5 ޖެހުމާ ހަމައަށެވެ.