Last Updated: April 19, 10:45
Friday, April 19, 2024
ޚަބަރު

އެމްޑީޕީގެ މުސްތަގުބަލާ ދޭތެރޭ ހިތާމަކުރަން: ޝިޔާމް

މެމްބަރު އަހުމަދު ޝިޔާމް- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

އެމްޑީޕީގެ މުސްތަގުބަލާ ދޭތެރޭ ހިތާމަކުރާ ކަމަށް އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

މިއަދު ކުރިއަށްދާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއާ ގުޅިގެން ޝިޔާމް ވިދާޅުވީ ޑިމޮކްރަސީ އުތުރި އަރަމުންދާ ކަމަށާއި 17 އަހަރު އެމްޑީޕީން ކުރި ދަތުރުން ދަސްވި މިންވަރަކީ މިއަދު ފެންނަމުންދާ ކަންކަން ކަމަށްވާނަމަ އެއީ ހިތާމަހުރި ކަމެއް ކަމަށެވެ. އަދި އެމްޑީޕީގެ މުސްތަގުބަލާ ދޭތެރޭ ކަންބޮޑުވެ ހިތާމަކުރާ ކަމަށް ޝިޔާމް ވިދާޅުވި އެވެ.

"ޤައުމު ހަމަ މަގަށް ދެންވެސް އެޅުވޭނެ ސިޔާސީ ފިކުރަކީ ޕީޕީއެމް އަދި އެލީޑަރަކީ ރައީސް ޔާމީން." ޝިޔާމް ވިދާޅުވި އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ވޯޓުލުން ބައެއް ރަށްރަށުގައި ވަރަށް އޮމާން ކަމާއެކު ކުރިއަށްދިޔަ ނަމަވެސް ބައެއް ރަށްތަކުގައި ވޯޓުލުން ދިޔައީ ވަރަށް ހޫނުކޮށެވެ. އެގޮތުން ވޯޓުލާ ލިސްޓުގައި ނަން ނެތް މީހުން ވޯޓުލުމާއި، މީހުންގެ ބަދަލުގައި އެހެން މީހުން ވޯޓުލުންފަދަ މައްސަލަތަކެއް އަންނަނީ ފާހަގަ ކުރަމުންނެވެ. އަދި ގައްދޫގައި "ބޮޑީ ކެމެރާ" ހަރުކޮށްގެން ވޯޓުލީ ކަމަށްބުނެ ވޯޓުލާ މަރުކަޒުގައި ހަމަނުޖެހުން ހިނގިއިރު ބައެއް ރަށްރަށުގެ ވޯޓު ފޮށިތައް ވަނީ ފަޅާލާފަ އެވެ.

އެމްޑީޕީ ރިޔާސީ ޕްރައިމަރީގެ ވޯޓުލުން ކުރިއަށް ގެންގޮސްފައިވަނީ ހެނދުނު 9 އިން ހަވީރު 5 ޖެހުމާ ހަމައަށެވެ.

މި އިންތިހާބުގައި 57،257 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވެއެވެ. އަދި ޖުމުލަ 243 ވޯޓު ފޮށި މި އިންތިހާބުގައި ބަހައްޓާފައިވެ އެވެ.