Last Updated: March 29, 14:00
Friday, March 29, 2024
ޚަބަރު

ރައީސް 67 ޕަސެންޓުން ޕްރައިމަރީ ކާމިޔާބުކުރައްވައިފި

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކާމިޔާބު ކުރައްވާފައިވާ ކަމަށް އެމަނިކުފާނުގެ ކެމްޕޭން ޓީމުން ބުނެފި އެވެ.

ރައީސްގެ ކެމްޕޭން ޓީމުން ބުނީ އެގްޒިޓް ޕޯލް އިން ދައްކާ ގޮތުން ރައީސް ސޯލިހު 67 ޕަސެންޓުން މި އިންތިހާބު ކާމިޔާބުކުރައްވާފައިވާ ކަމަށެވެ.

ރައީސްގެ ކެމްޕޭން ޓީމުން މިހެން ބުނެފައިވާއިރު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ކާމިޔާބު ކުރައްވާފައިވާ ކަމަށް އެމަނިކުފާނުގެ ކެމްޕޭން އެޖެންޓް އަދި ހެންވޭރު ހުޅަނގު ދާއިރާގެ މަޖިލިސް މެންބަރު ހަސަން ލަތީފް ވަނީ ވިދާޅުވެފަ އެވެ.

ހަސަން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެގްޒިޓް ޕޯލް ތަކުން ދައްކާ ގޮތުގައި ނަޝީދު 64.7 ޕަސެންޓާ އެކު އޮތީ ކުރީގައި ކަމަށެވެ.

"ރައީސް މުޙައްމަދު ނަޝީދު މި އިންތިޚާބު ކާމިޔާބު ކުރައްވައިފި." ހަސަން ވިދާޅުވި އެވެ.

އެމްޑީޕީ ރިޔާސީ ޕްރައިމަރީގެ ވޯޓުލުން ކުރިއަށް ގެންގޮސްފައިވަނީ ހެނދުނު 9 އިން ހަވީރު 5 ޖެހުމާ ހަމައަށެވެ.

މި އިންތިހާބުގައި 57،257 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވެއެވެ. އަދި ޖުމުލަ 243 ވޯޓު ފޮށި މި އިންތިހާބުގައި ބަހައްޓާފައިވެއެވެ. ވޯޓުލުމުގެ ވަގުތު ހަމަވުމުން މިހާރު އަންނަނީ ވޯޓު ގުނުމުގެ މަސައްކަތް ކުރަމުންނެވެ.