Last Updated: April 18, 21:56
Thursday, April 18, 2024
ޚަބަރު

ޕީޕީއެމްގެ އިންތިހާބުތަކުން ޑިމޮކްރެސީ ދަސްކުރަންޖެހޭ

އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) - ފޮޓޯ: ޕީޕީއެމް

ޕީޕީއެމްގެ އެތެރޭގެ އިންތިހާބުތަކުން އެމްޑީޕީ ޑިމޮކްރެސީ ދަސްކުރަންޖެހޭ ކަމަށް އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

މިއަދު ކުރިއަށްދާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއާ ގުޅިގެން އަދުރޭ ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި މި ފަހަރު މި ތަޢާރަފުކުރީ އާ ވައްތަރެއްގެ ޑިމޮކްރަސީއެއް ކަމަށެވެ. އެ ޑިމޮކްރެސީ އަށް ކިޔަން އެންމެ ރަނގަޅީ މަރާބަގުޑި ޑިމޮކްރަސީ ކަމަށް އަދުރޭ ވިދާޅުވި އެވެ.

"ޕީޕީއެމްގެ އެތެރޭގެ އިންތިހާބުތަކުން ޑިމޮކްރެސީ ދަސްކޮށްބަލަ." އަދުރޭ ވިދާޅުވި އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ވޯޓުލުން ބައެއް ރަށްރަށުގައި ވަރަށް އޮމާން ކަމާއެކު ކުރިއަށްދިޔަ ނަމަވެސް ބައެއް ރަށްތަކުގައި ވޯޓުލުން ދިޔައީ ވަރަށް ހޫނުކޮށެވެ. އެގޮތުން ވޯޓުލާ ލިސްޓުގައި ނަން ނެތް މީހުން ވޯޓުލުމާއި، މީހުންގެ ބަދަލުގައި އެހެން މީހުން ވޯޓުލުންފަދަ މައްސަލަތަކެއް އަންނަނީ ފާހަގަ ކުރަމުންނެވެ. އަދި ގައްދޫގައި "ބޮޑީ ކެމެރާ" ހަރުކޮށްގެން ވޯޓުލީ ކަމަށްބުނެ ވޯޓުލާ މަރުކަޒުގައި ހަމަނުޖެހުން ހިނގިއިރު ބައެއް ރަށްރަށުގެ ވޯޓު ފޮށިތައް ވަނީ ފަޅާލާފަ އެވެ.

އެމްޑީޕީ ރިޔާސީ ޕްރައިމަރީގެ ވޯޓުލުން ކުރިއަށް ގެންގޮސްފައިވަނީ ހެނދުނު 9 އިން ހަވީރު 5 ޖެހުމާ ހަމައަށެވެ.

މި އިންތިހާބުގައި 57،257 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވެއެވެ. އަދި ޖުމުލަ 243 ވޯޓު ފޮށި މި އިންތިހާބުގައި ބަހައްޓާފައިވެއެވެ. ވޯޓުލުމުގެ ވަގުތު ހަމަވުމުން މިހާރު އަންނަނީ ވޯޓު ގުނުމުގެ މަސައްކަތް ކުރަމުންނެވެ.