Last Updated: March 29, 10:52
Friday, March 29, 2024
ޚަބަރު

ގިނަ ފޮށިތަކުގެ ނަތީޖާ އިން ކުރީގައި އުޅެނީ ނަޝީދު

ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު - ފޮޓޯ: މަޖިލިސް

މިއަދު ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ގިނަ ފޮށިތަކުގެ ނަތީޖާ އިން ކުރީގައި އުޅުއްވަނީ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ކަމަށް އެމަނިކުފާނުގެ ކެމްޕޭން އެޖެންޓް އަދި ހެންވޭރު ހުޅަނގު ދާއިރާގެ މަޖިލިސް މެންބަރު ހަސަން ލަތީފް ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ނަޝީދު ވާދަކުރެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ އެވެ.

ހަސަން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ނަތީޖާ ޝީޓުތައް ބަލަމުންދާ ކަމަށާއި ގިނަ ފޮށިތަކުގެ ނަތީޖާގައި ނަޝީދު އުޅުއްވަނީ ކުރީގައި ކަމަށެވެ.

"ބޮޑު ފަރަގެއް އެ ދައްކަނީ މަދު ބައެއް ތަންތަނުގައި އާދަޔާ ހިލާފަށް ގިނަ ވޯޓު ފޮށީގައި ހުރީމަ." ހަސަން ވިދާޅުވި އެވެ.

ހަސަން މިހެން ވިދާޅުވި އިރު މިހާތަނަށް ދެބައިކުޅަ އެއްބައި ވޯޓު ފޮށިތައް ގުނައި ނިމުނުއިރު ބޮޑުތަނުން ކުރީގައި އުޅުއްވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. އެގޮތުން ރައީސް ވަނީ އިންތިހާބުގައި ވޯޓުލީ މީހުންގެ 65 ޕަސެންޓް ހޯއްދަވާފަ އެވެ.

ޕްރައިމަރީ ކާމިޔާބު ކުރެއްވުމުން މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގެ އެމްޑީޕީގެ ރިޔާސީ ޓިކެޓް އެމަނިކުފާނަށް މިހާރު ވަނީ ކަށަވަރުވެފަ އެވެ.

އެމްޑީޕީ ރިޔާސީ ޕްރައިމަރީގެ ވޯޓުލުން ކުރިއަށް ގެންގޮސްފައިވަނީ ހެނދުނު 9 އިން ހަވީރު 5 ޖެހުމާ ހަމައަށެވެ.

މި އިންތިހާބުގައި 57،257 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވާއިރު 30،000 އަށް ވުރެ ގިނަ މީހުން ވޯޓުލާފައިވެ އެވެ. މި އިންތިހާބުގައި 243 ވޯޓު ފޮށި ބަހައްޓާފައިވެ އެވެ.