Last Updated: April 18, 22:36
Thursday, April 18, 2024
ޚަބަރު

ރައީސާއެކު ދާނީ އުފާވެރި ރާއްޖެއަކަށް: ރޮޒޭ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކު ދާނީ އުފާވެރި ރާއްޖެއަކަށް ކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެ އެވެ.

މިއަދު ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ވަގުތީ ނަތީޖާ އިން ދައްކާ ގޮތުން ރައީސް ވަނީ މި އިންތިހާބު ކާމިޔާބުކުރައްވާފަ އެވެ.

ރައީސަށް ވޯޓު ދެއްވި މީދޫ އަދި މަރަދޫފޭދޫގެ އެމްޑީޕީ މެމްބަރުންނަށް ޝުކުރު އަދާކުރައްވަމުން ރޮޒެއިނާ ވިދާޅުވީ އެ މެމްބަރުން އެމްޑީޕީގެ ކުރިމަގު ވިސްނުންތެރިކަމާއެކު ކޮށާދީފައިވާ ކަމަށެވެ.

"އަޅުގަނޑުމެން ކުރިއަށް ދާނީ ރައީސް ސޯލިހާއެކު އުފާވެރި ރާއްޖެ އަކަށް." ރޮޒެއިނާ ވިދާޅުވި އެވެ.

ވާދަވެރިކަން ބޮޑުވި ޕްރައިމަރީގައި ރައީސް ވާދަކުރެއްވީ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދާ އެވެ.

މިހާތަނަށް ދެބައިކުޅަ އެއްބައި ވޯޓު ފޮށިތައް ގުނައި ނިމިފައިވާއިރު ބޮޑުތަނުން ކުރީގައި އުޅުއްވަނީ ރައީސް ސޯލިހެވެ. އެގޮތުން ރައީސް ވަނީ އިންތިހާބުގައި ވޯޓުލީ މީހުންގެ 65 ޕަސެންޓް ހޯއްދަވާފަ އެވެ.

ޕްރައިމަރީ ކާމިޔާބު ކުރެއްވުމުން މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގެ އެމްޑީޕީގެ ރިޔާސީ ޓިކެޓް އެމަނިކުފާނަށް މިހާރު ވަނީ ކަށަވަރުވެފަ އެވެ.