Last Updated: April 18, 22:36
Thursday, April 18, 2024
ޚަބަރު

މިއީ ކޮރަޕްޓް އިންތިހާބެއް: ބޮންޑޭ

މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ)-- ފޮޓޯ/ މަޖިލިސް

މިއަދު ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އަކީ ކޮރަޕްޓް އިންތިހާބެއް ކަމަށް މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހީމް ރަޝީދު (ބޮންޑޭ) ވިދާޅުވެއްޖެ އެވެ.

ބޮންޑޭ ވިދާޅުވީ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރާ 39،000 މެމްބަރުން ޕާޓީން ބޭރުކޮށްް އަދި ބައެއް މެމްބަރުން އެކި ޕާޓީތަކަށް އަރުވާލުމައްފަހު ބޭއްވި ހަޑިމުޑުދާރު އިންތިހާބު ޑިމޮކްރަސީ އަށް ލޯބިކުރާ އެއްވެސް ދިވެހި ރައްޔިތަކު ބަލައި ނުގަންނާނެ ކަމަށެވެ.

"މިއީ ކޮރަޕްޝަނާ ފަސާދައިގެ ގުންޑާ އިންތިހާބެއް." ބޮންޑޭ ވިދާޅުވި އެވެ.

ބޮންޑޭ މިހެން ވިދާޅުވި އިރު މިހާތަނަށް ދެބައިކުޅަ އެއްބައި ވޯޓު ފޮށިތައް ގުނައި ނިމުނުއިރު ބޮޑުތަނުން ކުރީގައި އުޅުއްވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. އެގޮތުން ރައީސް ވަނީ އިންތިހާބުގައި ވޯޓުލީ މީހުންގެ 65 ޕަސެންޓް ހޯއްދަވާފަ އެވެ. ނަމަވެސް ނަޝީދުގެ ފަޅިން ވަނީ އިންތިހާބުގެ ނަތީޖާ ގަބޫލުކުރަން ދެކޮޅު ހަދާފަ އެވެ.

އެގޮތުން ނަޝީދުގެ ކެމްޕޭން އެޖެންޓް އަދި ހެންވޭރު ހުޅަނގު ދާއިރާގެ މަޖިލިސް މެންބަރު ހަސަން ލަތީފް ވިދާޅުވީ ނަތީޖާ ޝީޓުތައް ބަލަމުންދާ ކަމަށާއި ގިނަ ފޮށިތަކުގެ ނަތީޖާގައި ނަޝީދު އުޅުއްވަނީ ކުރީގައި ކަމަށެވެ.

"ބޮޑު ފަރަގެއް އެ ދައްކަނީ މަދު ބައެއް ތަންތަނުގައި އާދަޔާ ހިލާފަށް ގިނަ ވޯޓު ފޮށީގައި ހުރީމަ." ހަސަން ވިދާޅުވި އެވެ.

މި އިންތިހާބުގައި 57،257 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވާއިރު 30،000 އަށް ވުރެ ގިނަ މީހުން ވޯޓުލާފައިވެ އެވެ. މި އިންތިހާބުގައި 243 ވޯޓު ފޮށި ބަހައްޓާފައިވެ އެވެ.