Last Updated: April 18, 20:52
Thursday, April 18, 2024
ޚަބަރު

އިންތިހާބުން ފެނުނީ ރައީސްގެ ތަރައްގީއަށް ކުރާ އިތުބާރު

ރައީސް ސޯލިހު އާއި ނައިބު ރައީސް ފައިސަލް - ފޮޓޯ: ރައީސް އޮފީސް

މިއަދު ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީން ފެނުނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ތަރައްގީއަށް އެމްޑީޕީގެ މެމްބަރުން ކުރާ އިތުބާރު ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.

ރައީސް ޕްރައިމަރީ ކާމިޔާބު ކުރެއްވުމާ ގުޅިގެން ފައިސަލް ވިދާޅުވީ އިންތިހާބުން ފެނިގެންދިޔައީ ރައީސްގެ ސިޔާސަތުތަކާއި ތަފާތު ކުރުމެއް ނެތި ގެންނަވަމުންދާ ތަރައްގީ އަށް އެމްޑީޕީގެ އާންމު މެމްބަރުން ކުރާ އިތުބާރު ކަމަށެވެ.

ވާދަވެރިކަން ބޮޑުވި ޕްރައިމަރީގައި ރައީސް ވާދަކުރެއްވީ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދާ އެވެ.

މިހާތަނަށް ދެބައިކުޅަ އެއްބައި ވޯޓު ފޮށިތައް ގުނައި ނިމިފައިވާއިރު ބޮޑުތަނުން ކުރީގައި އުޅުއްވަނީ ރައީސް ސޯލިހެވެ. އެގޮތުން ރައީސް ވަނީ އިންތިހާބުގައި ވޯޓުލީ މީހުންގެ 65 ޕަސެންޓް ހޯއްދަވާފަ އެވެ. ނަމަވެސް ނަޝީދުގެ ފަޅިން ވަނީ އިންތިހާބުގެ ނަތީޖާ ގަބޫލުކުރަން ދެކޮޅު ހަދާފަ އެވެ.

އެގޮތުން ނަޝީދުގެ ކެމްޕޭން އެޖެންޓް އަދި ހެންވޭރު ހުޅަނގު ދާއިރާގެ މަޖިލިސް މެންބަރު ހަސަން ލަތީފް ވިދާޅުވީ ނަތީޖާ ޝީޓުތައް ބަލަމުންދާ ކަމަށާއި ގިނަ ފޮށިތަކުގެ ނަތީޖާގައި ނަޝީދު އުޅުއްވަނީ ކުރީގައި ކަމަށެވެ.

"ބޮޑު ފަރަގެއް އެ ދައްކަނީ މަދު ބައެއް ތަންތަނުގައި އާދަޔާ ހިލާފަށް ގިނަ ވޯޓު ފޮށީގައި ހުރީމަ." ހަސަން ވިދާޅުވި އެވެ.

މި އިންތިހާބުގައި 57،257 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވާއިރު 30،000 އަށް ވުރެ ގިނަ މީހުން ވޯޓުލާފައިވެ އެވެ. މި އިންތިހާބުގައި 243 ވޯޓު ފޮށި ބަހައްޓާފައިވެ އެވެ.