Last Updated: March 29, 18:55
Friday, March 29, 2024
ޚަބަރު

ހިތްބުރަ ކަމެއް ނެތް، އެކީގައި ކުރިއަށް ވަޑައިގަންނަވާ

އެމްޑީޕީގެ ތެރޭގައި އޮތް ވާދަވެރިކަން މިހާރު ނިމިފައިވާ ކަމަށާއި ދެން އޮތީ އެންމެން އެކުގައި ނިކުމެ މިއަހަރު ބާއްވާ ރިޔާސީ އިންތިހާބު ކާމިޔާބުކުރުން ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

އިއްޔެ ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާ ވާދަކޮށް ރައީސް ސޯލިހު ވަނީ ކާމިޔާބުކުރައްވާފަ އެވެ.

ޕްރައިމަރީގެ ކާމިޔާބީ ފާހަގަކުރެއްވުމަށް އެމްޑީޕީގެ "ދަނޑިކޮށި ޖަގަހަ" ވަޑައިގެން ސަޕޯޓަރުންނާ ބައްދަލުކުރައްވައި ރައީސް ސޯލިހު ވިދާޅުވީ މަސައްކަތް އަދި ފެށުނީ ކަމަށާއި މިހާރު ކުރަންވީ ކަމަކީ ޕާޓީ އެކީގައި ނިކުމެ ރިޔާސީ އިންތިހާބު ކާމިޔާބުކުރުމަށް މަސައްކަތްކުރުން ކަމަށެވެ.

"އަޅުގަނޑަށް މިރޭ އެންމެ ފުރަތަމަވެސް އަޅުގަނޑުމެންގެ ވާދަވެރިންނަށް ގޮވާލަން ބޭނުންވަނީ މިހާރު އަޅުގަނޑުމެންގެ ވާދަވެރިކަން ނިމުނީ. އެކަން މި ނިމުނީ. ދެން ނުކުންނަވީ އަނެއްކާވެސް އެކަތިގަނޑެއްގެ ގޮތުގައި ކުރިއަށް އޮތް ރިޔާސީ އިންތިހާބު އެމްޑީޕީއަށް ކާމިޔާބުކުރުމަށް." ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ވާދަވެރި އިންތިހާބެއްގައި ހިތްހަމަނުޖެހޭ ކަންތައްތަކެއް ހިނގާނެ ކަމަށެވެ. އެކަންކަމާ ގުޅޭގޮތުން އެމަނިކުފާނު އެއްވެސް ހިތްބުރަށް ކަމެއް ނެތް ކަމަށާއި އެ މަނިކުފާނު ބޭނުންފުޅުވަނީ ހުރިހާ އެންމެން އެކުގައި މަސައްކަތްކޮށް އެމްޑީޕީއަށް ރިޔާސީ އިންތިހާބުކުރަން ކަމަށް ރައީސް ވިދާޅުވި އެވެ.

ރިޔާސީ ޕްރައިމަރީ ރައީސް ކާމިޔާބު ކުރެއްވި ނަމަވެސް ނަޝީދުގެ ފަޅިން ވަނީ އިންތިހާބުގެ ނަތީޖާ ގަބޫލުކުރަން ދެކޮޅު ހަދާފަ އެވެ.

އެގޮތުން ނަޝީދުގެ ކެމްޕޭން އެޖެންޓް އަދި ހެންވޭރު ހުޅަނގު ދާއިރާގެ މަޖިލިސް މެންބަރު ހަސަން ލަތީފް ވިދާޅުވީ ނަތީޖާ ޝީޓުތައް ބަލަމުންދާ ކަމަށާއި ގިނަ ފޮށިތަކުގެ ނަތީޖާގައި ނަޝީދު އުޅުއްވަނީ ކުރީގައި ކަމަށެވެ.

"ބޮޑު ފަރަގެއް އެ ދައްކަނީ މަދު ބައެއް ތަންތަނުގައި އާދަޔާ ހިލާފަށް ގިނަ ވޯޓު ފޮށީގައި ހުރީމަ." ހަސަން ވިދާޅުވި އެވެ.

މި އިންތިހާބުގައި 57،257 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވާއިރު 30،000 އަށް ވުރެ ގިނަ މީހުން ވޯޓުލާފައިވެ އެވެ. މި އިންތިހާބުގައި 243 ވޯޓު ފޮށި ބަހައްޓާފައިވެ އެވެ.