Last Updated: April 24, 12:56
Wednesday, April 24, 2024
ޚަބަރު

ރައީސަށް ރިޔާސީ ޓިކެޓު އެރުވުން އަންނަ މަހު

އެމްޑީޕީގެ ރިޔާސީ ޓިކެޓު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އެރުވުން އޮންނާނީ އަންނަ މަހު ކަމަށް އެ ޕާޓީން ބުނެފި އެވެ.

އިއްޔެ ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާ ވާދަކޮށް ރައީސް ސޯލިހު ވަނީ ކާމިޔާބުކުރައްވާފަ އެވެ.

މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހިމް ވަހީދު ވިދާޅުވީ އިއްޔެ ބޭއްވި ރިޔާސީ ޕްރައިމަރީގެ ދާއިމީ ނަތީޖާ ޕާޓީގެ އަސާސީ ގަވައިދާ އެއްގޮތަށް ފަސް ދުވަހުގެ ތެރޭގައި އިއުލާނުކުރާނެ ކަމަށެވެ. އެ އަށް ފަހު އަންނަ މަހުގެ މެދުތެރޭގެ ހިސާބުގައި ރައީސަށް ރަސްމީކޮށް ޕާޓީގެ ޓިކެޓު ހަވާލުކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އިންތިހާބުގެ ވަގުތީ ނަތީޖާތައް ދައްކާ ގޮތުން ނަޝީދަށް ލިބިވަޑައިގަތީ 15،641 ވޯޓެވެ. އެއީ ވޯޓްލީ މީހުންގެ 38.90 ޕަސެންޓް ވޯޓެވެ. ރައީސް ސޯލިހަށް ލިބިވަޑައިގަަތީ 24،566 ވޯޓެވެ. އެއީ ވޯޓްލީ މީހުންގެ 61.10 ޕަސެންޓް ވޯޓެވެ.

މި އިންތިހާބުގައި 57،255 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވާއިރު ވޯޓުލާފައިވަނީ 40،887 މީހުންނެވެ. އެއީ ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ 71 ޕަަސެންޓެވެ.