Last Updated: April 24, 23:11
Wednesday, April 24, 2024
ޚަބަރު

ވެރިކަމަކީ ގަދަކަމުން ހޯދޭ އެއްޗެއް ނޫން: އިމްރާން

މިނިސްޓަރު އިމްރާން އަބްދުﷲ- ފޮޓޯ: ރައީސް އޮފީސް

ވެރިކަމަކީ ގަދަކަމުން ހޯދޭ އެއްޗެއް ނޫން ކަމަށް ހޯމް މިނިސްޓަަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

އިމްރާން ކުރެއްވި ޓްވީޓެއްގައި ވަނީ ރައީސްކަން ކުރާ ހިތްވާ ކޮންމެ ބޭފުޅަކަށް ރައީސްކަން ލިބޭ ނަމަ މި ގައުމުގައި މިހާރު ކިތައް ރައީސުން ތިއްބަވާނެތޯ ސުވާލު ކުރައްވާފަ އެވެ. އަދި ވެރިކަމަކީ ގަދަކަމުން ހޯދޭ އެއްޗެއް ނޫން ކަމަށް އިމްރާން ވިދާޅުވި އެވެ.

އިމްރާން މިހެން ވިދާޅުވެފައި މިވަނީ އެމްޑީޕީގެ ވާދަވެރި ރިޔާސީ ޕްރައިމަރީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއްޔެ ކާމިޔާބު ކުރައްވާފައިވާ ދަނޑިވަޅެއްގަ އެވެ. ރިޔާސީ ޕްރައިމަރީ ރައީސް ކާމިޔާބު ކުރެއްވީ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީގުގެ ރައީސް މުހައްމަދު ނަޝީދާ ވާދަކޮށެވެ.

އިންތިހާބުގެ ވަގުތީ ނަތީޖާތައް ދައްކާ ގޮތުން ނަޝީދަށް ލިބިވަޑައިގަތީ 15،641 ވޯޓެވެ. އެއީ ވޯޓްލީ މީހުންގެ 38.90 ޕަސެންޓް ވޯޓެވެ. ރައީސް ސޯލިހަށް ލިބިވަޑައިގަަތީ 24،566 ވޯޓެވެ. އެއީ ވޯޓްލީ މީހުންގެ 61.10 ޕަސެންޓް ވޯޓެވެ.

މި އިންތިހާބުގައި 57،255 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވާއިރު ވޯޓުލާފައިވަނީ 40،887 މީހުންނެވެ. އެއީ ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ 71 ޕަަސެންޓެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކާމިޔާބު ކުރެއްވުމުން ރައީސަށް މިހާރު ވަނީ އެމްޑީޕީގެ ރިޔާސީ ޓިކެޓް ކަށަވަރުވެފަ އެވެ.