Last Updated: March 29, 14:00
Friday, March 29, 2024
ޚަބަރު

ވޯޓްފޮށި ފެޅި އެކަކީ ޕީޕީއެމްގެ މެމްބަރެއް

ހޮނިހިރު ދުވަހު ބޭއްވި އެމްޑީޕީގެ ޕްރައިމަރީގައި ގދ. ރަތަފަންދޫ ވޯޓު ފޮށި ފަޅާލައިގެން ހައްޔަރުކުރި ދެ މީހުންގެ ތެރެއިން އެކަކީ ޕީޕީއެމްގެ މެމްބަރެއް ކަމަށް އެމްޑީޕީގެ ޝަކުވާ ބަލާ ކޮމިޓީގެ މުގައްރިރު އަދި ޗެއާޕަސަންގެ ނައިބު އިބްރާހީމް ވަހީދު (އިބުރޭ) ވިދާޅުވެއްޖެ އެވެ.

ޕްރައިމަރީގައި ވާދަކުރައްވައި ބަލިވެވަޑައިގަތް ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ބޮޑުބޭބެ ވިދާޅުވާ އަދި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ހޮނިހިރު ދުވަހު ކުރެއްވި ޓްވީޓެގައި ދެ މީހެއްގެ އައިޑީކާޑުގެ ކޮޕީ ހިއްސާކުރައްވާ އެއީ ރައީސް ނަޝީދުގެ ފަރާތުން ރަތަފަންދޫގައި ތިބި ދެ މަންދޫބުން ކަމަށާއި އެ މީހުން ހައްޔަރުކޮށްފައިވާ ކަމަށް ވިދާޅުވެފައިވެ އެވެ.

އެ ޓްވީޓަށް ރައްދުދެއްވައި އިބްރޭ އިއްޔެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރިޔާސީ ޕްރައިމަރީގައި ކެންޑިޑޭޓުންނަށް ފަސޭހަ ކުރަން މަންދޫބުންގެ ގޮތުގައި އެމްޑީޕީގެ ކޮންމެ މެންބަރެއް ވެސް ބެހެއްޓިދާނެ ކަމަށް އެންގި ކަމަށެވެ. އަދި އެމްޑީޕީ މެންބަރުން ނޫން މީހަކު ނުބެހެއްޓޭނެ ކަން ވެސް އެންގި ކަމަށް ވިދާޅުވި އެވެ.

ނަމަވެސް ރަތަފަންދޫ ފޮށި ކައިރީގައި ހުރި ރައީސް ނަޝީދުގެ މަންދޫބުންގެ ތެރެއިން އެކަކީ އެމްޑީޕީ މެންބަރެއް ނޫންކަން އިބުރޭ ވަނީ އޭނަހެ މެމްބަޝިޕަކީ ކޮބައިކަން ހާމަކޮށް ހިއްސާކުރައްވައިފަ އެވެ. ރަތަފަންދޫން ހައްޔަރުކުރި ދެ މީހުންގެ ތެރެއިން އީމާން އަހުމަދަކީ ޕީޕީއެމްގެ މެންބަރެއް ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ޕާޓީތަކުގެ ދަފުތަރުން ދައްކަ އެވެ.

ޕްރައިމަރީގެ ހަމަނުޖެހުންތަކާ ގުޅިގެން ހައްޔަރުކުރި މީހުން ފުލުހުން މިހާރު ވަނީ ދޫކޮށްލައިފަ އެވެ.