Last Updated: March 29, 16:45
Friday, March 29, 2024
ޚަބަރު

ރައީސް ކޯލިޝަނެއް ހެދުމުގެ ބޭނުމެއް ނެތް: މަވޯޓާ

ކޯލިޝަނަކާ ނުލައި ވެސް ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް މި އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވިދާނެ ކަމަށާއި އެހެންވެ ފުރަތަމަ ބުރުގައި ވެސް ކޯލިޝަނެއް ހެދުމުގެ ބޭނުމެއް ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފު (މަވޯޓާ) ވިދާޅުވެއްޖެ އެވެ.

އޭނަ ވިދާޅުވި ގޮތުގައި ރައީސް ކޯލިޝަނަކާ ނުލައި އިންތިހާބަށް ނުކުންނަވައިފި ނަމަ އެކަން ވާނީ އެހެން ޕާޓީތަކުގެ ވަރުގަދަކަން ވެސް އެނގިގެން ދާނެ ކަމަކަށެވެ.

"އެއަށް ބަލާފައި ސަރުކާރުން ހިއްސާވާނެ މިންވަރެއް ކަނޑައަޅަން ޖެހޭނީ،" މަވޯޓާ ވިދާޅުވި އެވެ. "އުފެދޭ އެއްވެސް ކޯލިޝަނެއްގައި އެމްޑީޕީގެ ހިއްސާ 60 ޕަސެންޓަށް ވުރެ ބޮޑުވާން ވެސް ޖެހޭނެ."

އޭނަ ވިދާޅުވި ގޮތުގައި ރައީސް ސޯލިހަށް މިހާރު އޮތް ތާއީދާ އެކީ އެމްޑީޕީ އަށް ކޯލިޝަނަކާ ނުލައި ވެރިކަމަށް އާދެވުމުގެ ފުރުސަތު ކުޑައެއް ނޫނެވެ.

"[އެކަމަކު] ކޯލިޝަން އޮތިއްޔާ [އިންތިހާބު ކާމިޔާބުކުރަން] މާ ބޮޑަށް ވެސް ފަސޭހަ ވާނެ." މަވޯޓާ ވިދާޅުވި އެވެ.

ސަރުކާރުގެ މިހާރުގެ ކޯލިޝަންގައި ހިމެނެނީ އެމްޑީޕީގެ އިތުރުން އަދާލަތާއި ޖުމްހޫރީ ޕާޓީގެ އިތުރުން އެމްއާރްއެމެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭން ތެރޭގައި ރައީސް ސޯލިހު ވިދާޅުވެފައިވާ ގޮތުގައި ރާއްޖޭގެ ސިޔާސީ މަސްރަހު އޮތް ގޮތުން އަދިވެސް ވެރިކަމަށް އާދެވެން އޮތީ ކޯލިޝަނެއްގެ އެހީގަ އެވެ.