Last Updated: April 19, 06:56
Friday, April 19, 2024
ޚަބަރު

އޭސީސީ އާއި އިމިގްރޭޝަން އެއްބަސްވުމަކަށް

އިމިގްރޭޝަން ދާއިރާގައި ނަޒާހަތްތެރިކަން ކުރިއަރުވައި އިދާރީ ހިންގުމުގެ ތެރެއިންނާއި، ޚިދުމަތް ދިނުމުގައި ކޮރަޕްޝަނަށް އޮތް ހިރާސް ކުޑަކުރުމަށް ގުޅިގެން މަސައްކަތްކުރުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަނާއި މޯލްޑިވްސް އިމިގްރޭޝަނާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

އިމިގްރޭޝަންގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި މި އެއްބަސްވުމުގައި އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ފަރާތުން ސޮއިކުރެއްވި ކޮމިޝަނުންގެ ރައީސް އަލްއުސްތާޛް އާދަމް ޝާމިލް އެވެ. އަދި މޯލްޑިވްސް އިމިގެރޭޝަންގެ ފަރާތުން ސޮއިކުރެއްވީ ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު އަޙްމަދު ޙުސައިން އެވެ.

މި އެއްބަސްވުމުގެ ދަށުން، އޭސީސީން ކުރަމުން ގެންދާ ތަޙުޤީޤުތަކާ ގުޅިގެން ކޮމިޝަނަށް އެއްބާރުލުން ދިނުމާއި، ކޮރަޕްޝަން ވިޔަނުދިމަށްޓަކައި ދެ މުއައްސަސާ ގުޅިގެން ކުރެވޭނެ މަސައްކަތްތައް ދެނެގަނެވި އެ މަޤްޞަދު ޙާޞިލުކުރެވޭނޭ ގޮތެއްގެ މަތިން ކުރާނޭ މަސައްކަތްތައް ކަނޑައެޅިގެންދާނެ އެވެ.

އެގޮތުން ދެ މުއައްސަސާގެ ދެމެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި ދިމާވާކަންކަމުގައި ފީޑްބެކް ޕްރޮސެސްއެއް ޤާއިމްކޮށް ޢަމަލުކުރާނެ ގޮތްތައް ކަނޑައެޅުމާއި، ދެ މުއައްސަސާއިން ކުރިއަށްގެންދާ ތަމްރީނު ޕްރޮގުރާމްތަކުގައި، ދެ މުއައްސަސާގެ މުވައްޒަފުން ބައިވެރިކުރުމުގައި ޢަމަލުކުރާނެ ގޮތްތައް ކަނޑައެޅޭނެ ކަމަށް އޭސީސީން ހާމަކުރެ އެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އޭސީސީގެ މެންބަރު ޝިޔާމާ މުޙައްމަދު ވިދާޅުވީ ދެ މުއައްސަސާގެ މެދުގައި ފުޅާ ދާއިރާއެއްގައި ކުރެވުނު މަޝްވަރާތަކަށްފަހު ސޮއިކުރެވުނު މި ފަހުމުނާމާގެ ދަށުން އެންމެ މުހިންމު ކަމެއްގެގޮތުގައި ފާހަގަކުރެވެނީ އޭސީސީގެ ތަޙުޤީޤުތަކަށް މަޢުލޫމާތު ހޯދުމުގައި އިމިގްރޭޝަންގެ ޑޭޓާބޭސްތަކަށް ކަނޑައެޅޭ ވަކި ލިމިޓެއްގެ ތެރެއިން ނަމަވެސް އޭސީސީއަށް އެކްސެސް ދެވިގެންދިއުން ކަމަށެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު އަޙްމަދު ޙުސައިން ވިދާޅުވީ، އިމިގްރޭޝަން ފަދަ މުހިއްމު ޚިދުމަތެއް ފޯރުކޮށްގެންތިބޭ މުއްސަސާއެއްގެ ކޮންމެ މުވައްޒަފަކީވެސް ނަޒާހަތްތެރިކަން އިސްކުރާ އަދި ދެތުވެރިކަމާއި އަމާނާތްތެރިކަމާއެކު މަސައްކަތްކުރަންޖެހޭ މީހަކަށް ވާންޖެހޭނެ ކަމަށެވެ.

މިއަދު މި ސޮއިކުރެވުނު އެއްބަސްވުމާއެކު ކުރެވޭ މަސައްކަތްތަކުގެ ތެރެއިން ކުރިއަށްގެންދާ ތަމްރީނުތަކުގެ ސަބަބުން، ކޮރަޕްޝަންގެ އަމަލުތަކަށް އިތުރަށް ހޭލުންތެރިވެ މުވައްޒަފުންނަށްވެސް އެދެވޭ ތަޖުރިބާއާ ތަމްރީނު ލިބިގެންދާނެ ކަމަށް ވެސް ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން ފާހަގަކުރެއްވި އެވެ.