Last Updated: April 24, 12:56
Wednesday, April 24, 2024
ޚަބަރު

ޑިމޮކްރެސީގެ ބާނީއަކީ ޔާމީން: ޖަމީލު

ރާއްޖޭގެ ޑިމޮކްރެސީގެ ބާނީ އަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު މިއަދު ވިދާޅުވެއްޖެ އެވެ.

މިއަދު އިދިކޮޅު ޕީޕީއެމް-ޕީއެންސީ އިން ފެށި "ހޯޕް ކޮންފަރެންސް" ގައި ވާހަކަފުޅުދައްކަވަމުން ޖަމީލު ވިދާޅުވީ އިދިކޮޅު ފަރާތްތަކުން މިއަދު ތިބި ޑިމޮކްރެސީގެ ބާނީގެ ފަހަތުގައި ކަމަށާއި އެއީ ޔާމީން ކަމަށެވެ. ރާއްޖެ އަށް ޑިމޮކްރެސީ ގެންނެވީ އެހެން އެއްވެސް ފަރާތަކުން ނޫން ކަމަށް ޖަމީލު ވިދާޅުވި އެވެ.

"ރާއްޖެ އަށް ޑިމޮކްރެސީ ގެންނެވީ އެހެން އެއްވެސް ފަރާތަކުން ނޫން. ރާއްޖޭގެ ޑިމޮކްރެސީގެ ބާނީ، ރާއްޖޭގެ ތަރައްގީގެ ބާނީ އަކީ އެކެއް، އެއީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް." ޖަމީލު ވިދާޅުވި އެވެ.

ޖަމީލު ވިދާޅުވީ މިހާރު ވެރިކަމުގައި ތިއްބެވި އެމްޑީޕީގެ ފަރާތުން ރާއްޖެ އަށް ގެނެސްފައިވަނީ ފާސިގު ޑިމޮކްރެސީއެއް ކަމަށެވެ. އެގޮތުން އިންތިހާބާ ދިމާކޮށް ވައުދު ވުމަކީ އެމްޑީޕީން މީގެކުރިން ދެކޮޅު ހެދި ކަންކަން ކަމަށާއި ނަމަވެސް މިއަދު ފެންނަނީ އެފަދަ ކަންކަން ކުރާ މަންޒަރު ކަމަށް ޖަމީލު ވިދާޅުވި އެވެ.

"އިންތިހާބެއް އައީމަ، ވާރޭ އޮއްސާލާހެން ވަޒީފާ އޮއްސާލަނީ. އިންތިހާބެއް އައީމަ، ސަރުކާރު ކޮންމެ ކުންފުންޏެއް ދަވާލަންވީ. އިންތިހާބެއް އައީމަ، ބަޔަކަށް ތަސައްވަރު ނުކުރެވޭ މަޝްރޫއުތައް ވެސް އިއުލާނުކުރަންވީ." ޖަމީލް ވިދާޅުވި އެވެ.

އިންތިހާބާ ދިމާކޮށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ސަރުކާރުން "ކަޑަޖައްސަވަނީ" ކަމަށް ބުނި އެމްޑީޕީން ކޮންމެ އިންތިހާބެއް އައުމުން "ގިފިލި ތެރޭގައި އެއާޕޯޓު އެޅުމަށް" ވެސް ވައުދުވަމުންދާ ކަމަށް ޖަމީލު ވިދާޅުވި އެވެ.