Last Updated: April 24, 06:35
Wednesday, April 24, 2024
ޚަބަރު

އަޅުގަނޑާއި ޔާމީން ވެރިކަން ކުރީ ޑިމޮކްރެސީގެ އުސޫލުން

އެމަނިކުފާނާއި ކުރީގެ ރައީސް އަބްދުﷲ ޔާމީން ރާއްޖޭގެ ވެރިކަން ކުރެއްވީ ޑިމޮކްރެސީގެ އުސޫލުން ކަމަށް ކުރީގެ ރައީސް ޑރ.މުހައްމަދު ވަހީދު ވިދާޅުވެއްޖެ އެވެ.

މިއަދު އިދިކޮޅު ޕީޕީއެމް-ޕީއެންސީ އިން ފެށި "ހޯޕް ކޮންފަރެންސް" ގައި ވާހަކަފުޅުދައްކަވަމުން ވަހީދު ވިދާޅުވީ ޑިމޮކްރެސީ އަކީ ރައްޔިތުންގެ ފަރާތުން ފެށިގެން އަންނަ، ރައްޔިތުންނަށް ލާބަހުރި ރައްޔިތުންގެ ވެރިކަމެއް ކުރުން ކަމަށެވެ. ޑިމޮކްރެސީ ހޯދަން ލައްކަ ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށާއި ފާއިތުވި ހަތް އަހަރު ރާއްޖޭގައި ވެރިކަން ކުރީ ޑިމޮކްރެސީގެ އުސޫލުން ކަމަށް ވަހީދު ވިދާޅުވި އެވެ.

"އެއީ އަޅުގަނޑާއި ރައީސް ޔާމީން މި ގައުމުގައި ކުރި ވެރިކަން ކުރީ ޑިމޮކްރެސީގެ އުސޫލުން. އެ ދުވަސް މިއަދު މިއޮތީ ބަދަލުވެފައި. މިއަދު އަޅުގަނޑުމެންނަށް ހައްގެއް ނެތް." ވަހީދު ވިދާޅުވި އެވެ.

ވަހީދު ވިދާޅުވީ މިއަދު ނިކުމެވަޑައިގަންނަވަން ޖެހުނީ ހައްގުތައް ނެތުމުން ކަމަށެވެ. އަދި ރައްޔިތުންގެ ހައްގުތަކާއިގެން ނިކުމެ ހެޔޮވެރިކަމެއް ކުރައްވަން މަސައްކަތް ކުރެއްވި ޒައީމު މިއަދު އޮންނެވީ ޖަލުގައި ކަމަށާއި އެއީ މި ކޮންފަރެންސަށް ލިބޭ ހިތާމައެއް ކަމަށް ވަހީދު ވިދާޅުވި އެވެ.

މީގެއިތުރުން ރާއްޖެ އަށް ދެންވެސް ޑިމޮކްރެސީ ގެނެސް އަދި ރައްޔިތުންގެ ހައްގުތައް ރައްކާތެރިކޮށްދެވޭނީ އިދިކޮޅު ކޯލިޝަނަށް ކަމަށާއި މިއަހަރު ބާއްވާ ރިޔާސީ އިންތިހާބަށްފަހު ރާއްޖޭގައި އުފެދިގެން އަންނަނީ ޔާމީންގެ ޒައާމަތުގެ ދަށުން ޕީޕީއެމްގެ ވެރިކަމެއް ކަަމަށްވެސް ވަހީދު ވިދާޅުވި އެވެ.

ހަތްސަތޭކަ އަށް ވުރެ ގިނަ މެމްބަރުންނާ އެކީ މިއަދުން ފެށިގެން މި މަހުގެ 4 އާ ހަމައަށް ދަރުބާރުގޭގައި ކުރިއަށް ގެންދާ މި ކޮންފަރެންސްގައި ވަރަށް ގިނަ ކަންކަމާ ގުޅޭ ގޮތުން މަޝްވަރާކޮށް، ހިޔާލުތައް ބަދަލުކުރަން ހަމަޖެހިފައިވެ އެވެ. އޭގެ ތެރެއިން އެންމެ މުހިއްމު ކަމަކީ މިހާރު 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ އިދިކޮޅުގެ ރިޔާސީ ކެންޑީޑޭޓް މިނިވަންކުރުމާއި ޔާމީނަށް އިންތިހާބުގައި ވާދަކުރެވޭނެކަމުގެ ކަށަވަރުކަން ހޯދޭނެ ގޮތްތަކާ ގުޅޭ ގޮތުން މަޝްވަރާކުރުމެވެ.