Last Updated: March 28, 21:55
Thursday, March 28, 2024
ޚަބަރު

ރައީސް ވަރުގެ ކެތްތެރި ވެރިއެއް ލިބުމަކީ ނިއުމަތެއް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަރުގެ ކެތްތެރި ވެރިއެއް ލިބުމަކީ ނިއުމަތެއް ކަމަށް ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެ އެވެ.

ރޭ "ވީޓީވީ" ގައި ވާހަކަދައްކަމުން ޖާބިރު ވިދާޅުވީ ބައެއް ފަހަރު އުނދަގޫވާ ވަރަށް ރައީސް ކެތްތެރި ކަމަށާއި މިހާ ކެތްތެރި ރައީސެއް ދުނިޔޭގައި ލިބޭނީ ވަރަށް މަދުން ކަމަށެވެ. އަދި މި ގައުމުގެ ވެރިކަމުގައި ކެތްތެރި ބޭފުޅަކު ހުރުމަކީ ވަރަށް ބޮޑު ނިއުމަތެއް ކަމަށް ޖާބިރު ވިދާޅުވި އެވެ.

"އެހާ ދެން ކެތްތެރި ވާންޖެހޭ ދުވަސްވަރެއް ވީމަ މި ދުވަސްވަރަށް ރަނގަޅު ރައީސެއް މިއީ. ކެތްތެރި ރައީސެއް ބޭނުންވާ ދުވަސްވަރެއް މިއީ." ޖާބިރު ވިދާޅުވި އެވެ.

ޖާބިރު ވިދާޅުވީ މިއީ ވަރަށް ކެތްތެރިވާންޖެހޭ ދުވަސްވަރެއް ކަމަށާއި އެގޮތުން ހުރިހާ ކަމެއް އެކޮޅުކޮޅުން ދާއިރު ވެސް ތިބެންޖެހޭނީ ކެތްތެރިވެގެން ކަމަށެވެ. އަދި ގައުމުގެ ކަންކަން މިއަދު ވަމުން ދަނީ ވެސް ކެތްތެރިކަން ހުރުމުން ކަމަށް ޖާބިރު ވިދާޅުވި އެވެ.

ރައީސް ސޯލިހަކީ ހަޖަމު ކުރަން ވަރަށް ރަނގަޅަށް ދަންނަ ބޭފުޅެއް ކަމަށާއި އެއްވެސް ބިރުވެރިކަމެއް ނެތި ހިޔާލުފާޅުކުރެވޭ ފަދަ މާހައުލެއް މިއަދު ރާއްޖޭގައި އެބައޮތް ކަމަށްވެސް ޖާބިރު ވިދާޅުވި އެވެ. އެގޮތުން އެއީ ރައީސް ސޯލިހަށް "ގޯލްޑް މެޑަލް" ދޭންޖެހޭ ވަރުގެ ކަމެއް ކަމަށް ޖާބިރު ވިދާޅުވި އެވެ. އަދި ރައީސުންނަކީ މާ ގަދައަށް ރިއެކްޓް ކުރަންޖެހޭ ބައެއް ނޫން ކަމަށާއި އެއީ ވަރަށް މަޑުމައިތިރި ކަމާއެކު ކުރަންޖެހޭ ކަމެއް ކަމަށްވެސް ވިދާޅުވި އެވެ.