Last Updated: March 28, 21:55
Thursday, March 28, 2024
ޚަބަރު

ޔާމީން މިނިވަން ކުރަން ގޮވާލައި ހިނގާލުމެއް ބާއްވައިފި

11 އަހަރަށް ޖަލަށްލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރަން ގޮވާލައި އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން މިއަދު ހިނގާލުމެއް ބާއްވައިފި އެވެ.

އިދިކޮޅުގެ ހިނގާލުން ފެށީ ބޮޑުތަކުރުފާނު މަގުގައި ހުންނަ ޕީޕީއެމްގެ އޮފީސް ކައިރިންނެވެ. މި ހިނގާލުމުގައި އިދިކޮޅު ކޯލިޝަނުގެ ލީޑަޝިޕްގެ ބޭފުޅުންނާއި ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވެފައިވެ އެވެ.

ހިނގާލުމުގެ ބައިވެރިން ވަނީ ޔާމީން މިނިވަން ކުރުމަށް ގޮވާލާފަ އެވެ. އަދި އެމަނިކުފާނުގެ މައްޗަށް ކޮށްފައިވަނީ "ހަރާމް ހުކުމް" އެއް ކަމަށްވެސް އެއްވުމުގެ ބައިވެރިން ވަނީ އަޑުއުފުލާފަ އެވެ.

ޔާމީނަށް 11 އަހަރުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވީ ވ. އާރަށުގެ މައްސަލައިގައި ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑްރިންގެ ދަޢުވާ އާއި، ރިޝްވަތު ޤަބޫލުކުރުމުގެ ކުށުގެ ދައުވާ ސާބިތުވުމުންނެވެ. ދައުވާތައް ސާބިތުވުމުން ވަނީ ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކޮށް އެ ފައިސާ ހަ މަސްތެރޭ ދެއްކުމަށް ވެސް އަމުރުކޮށްފަ އެވެ.

މި ދައުވާތައް ސާބިތުވުމުން އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ޔާމީނަށް މިހާރު ވަނީ ބަންދުވެފަ އެވެ.