Last Updated: April 25, 18:52
Thursday, April 25, 2024
ޚަބަރު

އިދިކޮޅު ލީޑަޝިޕަށް އިމްރާންގެ ތުހުމަތެއް

އިދިކޮޅު ލީޑަޝިޕްގައި ގިނައީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ސަލާމަތް ކުރުމަށް ވުރެ އެހެން މަގުސަދެއްގައި އުޅޭ މީހުން ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިރޭ ވިދާޅުވެއްޖެ އެވެ.

އިމްރާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިހުލާސްތެރިކަމާ އެކު ޔާމީން ސަލާމަތް ކުރުމަށް އުޅުއްވާ ބޭފުޅުންނަށް ވުރެ އިދިކޮޅު ލީޑަޝިޕްގައި ގިނައީ އެހެން މަގުސަދެއް ހާސިލުކުރަން އުޅޭ ބޭފުޅުންކަން އެއް ދުވަހުން އަނެއް ދުވަހަށް ހާމަވާ މިންވަރު ބޮޑުވަމުންދާ ކަމަށެވެ.

އިމްރާން މިހެން ވިދާޅުވި އިރު ޔާމީން ޖަލުން މިނިވަން ކުރުމަށް ގޮވާލައި އިދިކޮޅުން އަންނަނީ ކޮންމެ ރެޔަކު މާލޭގައި އެއްވުންތައް ބާއްވަމުންނެވެ. އަދި މިއަދު ހަވީރު ވެސް ވަނީ ޔާމީން މިނިވަން ކުރަން ގޮވާލައި މާލޭގައި ބޮޑު ހިނގާލުމެއް ބާއްވާފަ އެވެ.

ޔާމީނަށް 11 އަހަރުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވީ ވ. އާރަށުގެ މައްސަލައިގައި ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑްރިންގެ ދަޢުވާ އާއި، ރިޝްވަތު ޤަބޫލުކުރުމުގެ ކުށުގެ ދައުވާ ސާބިތުވުމުންނެވެ. ދައުވާތައް ސާބިތުވުމުން ވަނީ ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކޮށް އެ ފައިސާ ހަ މަސްތެރޭ ދެއްކުމަށް ވެސް އަމުރުކޮށްފަ އެވެ.

މި ދައުވާތައް ސާބިތުވުމުން އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ޔާމީނަށް މިހާރު ވަނީ ބަންދުވެފަ އެވެ.