Last Updated: March 28, 18:00
Thursday, March 28, 2024
ޚަބަރު

ފައިބާނީ ސުވަރުގެއަށް ދެވޭ ވަރަށް ވެރިކަންކޮށްފައި

އުމަރު ނަސީރު

ވެރިކަމުން ފައިބައިގެން ދާނީ ސުވަރުގެއަށް ދެވޭ ވަރަށް ވެރިކަންކޮށްފައި ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ރޭ ވިދާޅުވެއްޖެ އެވެ.

މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ އުމަރުގެ ރިޔާސީ ކެމްޕެއިން ފެށުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަމުން އުމަރު ވިދާޅުވީ އޭނާގެ ވެރިކަމެއްގައި ދިވެހިންތައް ހިތްތައް އަލިކޮށްދޭނީ އިސްލާމީ ނޫރުން ކަމަށާއި ދީނީ ތައުލީމުން ދިވެހި މުޖުތަމައު ފައްކާކުރެވޭނެ ކަމަށެވެ.

ޤުރުއާނަކީ މިހާރު ހަމައެކަނި މިސްކިތްތަކުގައި ރީތިކޮށް ކިޔަވާ އެއްޗެއް ކަމަށާއި އެ ފޮތަށް އެއްގޮތަކަށް ވެސް މިއަދު އަމަލުނުކުރާއިރު އޭނާގެ ވެރިކަމެއްގައި އިސްލާމީ ޝަރީއަތުގައި ހިފާ ގުރުއާނުގައިވާ ގޮތަށް އަމަލުކުރާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށް އުމަރު ވިދާޅުވި އެވެ.

"މަހުޝަރުގެ ބިމުގައި އަޅުގަނޑު ހުރެ ޖަވާބުދާރީވާން ޖެހޭނެކަން މިއަދުވެސް ހަނދާން ކުރަމުން މި ވާހަކަ މި ދަންނަވަނީ އަދި ﷲގެ ވާގިފުޅާއެކުގައި އެ ދުވަހުވެސް އަޅުގަނޑު ހަނދާން ކުރާނަން. ވެރިކަން ކޮށްފައި އިރާދަކުރެއްވިއްޔާ އަޅުގަނޑު ދާނީ ސުވަރުގެއަށް ދެވޭ ވަރަށް ވެރިކަން ކޮށްފައި." އުމަރު ވިދާޅުވި އެވެ.

އުމަރު ވިދާޅުވީ އޭނާގެ ވެރިކަމެއްގައި ދިވެހި ދައުލަތުގެ ތެރޭގައި އިސްލާމްދީން އަދާކުރަމުންދާ ރޯލު މުޅިން އެހެން ހަރުފަތަކަށް އުފުލާލާނެ ކަމަށެވެ. އެގޮތުން އިސްލާމީ އުސޫލުތަކާއި އިސްލާމީ ޝަރީއާގެ ހަމަތައް ވެގެންދާނީ ދައުލަތުގެ އެންމެ މަތީ އުންސުރަށް ކަމަށް އޭނާ ވިދާޅުވި އެވެ.

"ދިވެހި ދައުލަތް ހިންގާނީ އިސްލާމީ ވެރިއެއް. އޭނާ ދޮގެއް ނުހަދާނެ. އޭނަ ރަލެއް ނުބޯނެ. އޭނަ ވައްކަމެއް ނުކުރާނެ. އޭނަ ޝަހުވަތުގެ ފަހަތަކުން ނުދުވާނެ. އެއީ އިސްލާމީ ވެރިއެއްގެ ގައިގައި ހުންނަންޖެހޭ ސިފައަކީ. ﷲ އިރާދަކުރެއްވިއްޔާ ތިޔަބޭފުޅުންނަށް އެ ސިފަތައް އަޅުގަނޑުގެ ކިބައިން ދައްކާނަން." އުމަރު ވިދާޅުވި އެވެ.

މީގެއިތުރުން މީހުން މެރުމާއި، ރޭޕް ކުރުމާއި، މަސްތުވާތަކެތި އެތެރެ ކުރާ މީހުންނާއި ކޮރަޕްޝަން ހިންގާ މީހުންނާ ދޭތެރޭ އިސްލާމީ ޝަރީއަތުގައިވާ ހުކުމްތައް ތަންފީޒު ކުރާނެ ކަމަށްވެސް އުމަރު ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގައި އުމަރު ވާދަކުރުމަށް ހަމަޖެހިފައިވަނީ އަމިއްލަ ކެންޑިޑޭޓެއްގެ ގޮތުގަ އެވެ. އިންތިހާބު އޮންނާނީ އަންނަ ސެޕްޓެމްބަރު 9 ގަ އެވެ.