Last Updated: April 20, 07:18
Saturday, April 20, 2024
ޚަބަރު

ހިތަދޫ ފްލެޓް ސަރަހައްދު ސާފުކޮށްފި

އައްޑޫ ހިތަދޫ ފްލެޓް ސަރަހައްދު ސާފުކުރުމާއި ގަސް އިންދުމުގެ ހަރަކާތެއް ބާއްވައިފި އެވެ.

މި އަހަރުގެ އަންހެނުންގެ ދުހަވާ ވެސް ގުޅުވައިގެން މިއަދު ހެނދުނު ބޭއްވި މި ހަރަކާތުގައި ހިތަދޫ އަވަށު އޮފީހާއި ހިތަދޫ ފުލުހުން ބައިބެރިވި އެވެ. އެގޮތުން ފްލެޓް ސަރަހައްދުގެ އެކި ދިމާތަކަށް އަޅާފައި ހުރި ޕްލާސްޓިކް ކުނިބުނި ހޮވައި، އެ ސަރަހައްދު ފެހިކުރަން ގަސްތަކެއް ވެސް އިންދި އެވެ.

ގިނަ ބަޔަކު މިހާރު ދިރިއުޅެމުން އަންނަ ހިތަދޫ ފްލެޓް ސަރަހައްދުގެ މަގު ވެސް މިހާރު އޮތީ ތާރު އަޅައިގެން ޒަމާނީ ފެންވަރަށް ހަދައިފަ އެވެ. މި ފްލެޓްތައް ހުންނަނީ އައްޑޫ ކައުންސިލް އިދާރާ ހުންނަ މަގުން ރަށުގެ ފުއްޓަރާވީ ފަރާތުގަ އެވެ. ހިތަދޫގައި 264 ފްލެޓް ހަދާފައިވެ އެވެ.

މި ސަރަހައްދުގައި މިހާރު ވަގުތީ މިސްކިތަކާއި ފިހާރަތަކާއި ކެފޭ ފަދަ ތަންތަން ވެސް ހުރެ އެވެ. އަދި ފްލެޓްތައް ހުރި ތަނުގައި ކުޑަކުދިންނަށް ކުޅިވަރު ކުޅެވޭނެ ވަސީލަތްތައް ވެސް ބަހައްޓާފައި ހުރެ އެވެ.