Last Updated: April 23, 23:56
Tuesday, April 23, 2024
ޚަބަރު

53 މިލިއަން ދައްކަން އެންގި މައްސަލަ ފަށަނީ

ރައީސް ޔާމީން އައްޑޫއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން / ފޮޓޯ: ޕީޕީއެމް

ވ. އާރަށު މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ސާބިތުވި ރިޝްވަތާއި މަނީ ލޯންޑަރިންގެ ދައުވާގައި ހިމެނޭ 3،413،230 ޑޮލަރު ނުވަތަ 53 މިލިއަން ރުފިޔާ ހަމަސް ދުވަހުގެ ތެރޭގައި ދެއްކުމަށް ކުރި އަމުރު އެމަނިކުފާނުގެ ފަރާތުން ހައި ކޯޓުގައި ކުރި އިސްތިއުނާފްގެ މައްސަލަ ފަށަން ތައްޔާރުވެއްޖެ އެވެ.

އެ މައްސަލަ ހައިކޯޓަށް ހުށައެޅުމުން މައްސަލަ ބަލައިގަނެ މި ހަފްތާގެ ބުދަ ދުވަހު މައްސަލަ ފެށުމަށް މިހާރު ވަނީ ނިންމާފަ އެވެ.

މި ފައިސާއަކީ ވ.އާރަށް ކުއްޔަށް ދިނުމުގައި ރިޝްވަތާއި މަނީ ލޯންޑްރިންގެ ކުށްކޮށްފައިވާކަމަށް ކަނޑައަޅާ ދައުލަތަށް ނެގުމަށް ކުރިމިނަލް ކޯޓުން ހުކުމް ކޮށްފައިވާ ހުކުމުގައި ދައުލަތުން ނަގައިދިނުމަށް އެދުނު ފައިސާ އެވެ. މިމައްސަލާގައި ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް ވަނީ އިއްވާފަ އެވެ.

މިމައްސަލަގައި ޔާމީންގެ މައްޗަށް ރިޝްވަތާއި މަނީލޯންޑްރިންގެ ކުށް ސާބިތުވެފައިވާތީ، މިފައިސާ ހަ މަސް ދުވަހުގެ ތެރޭގައި ދެއްކުމަށް ކްރިމިނަލް ކޯޓުން އަމުރުކުރީ މަނީލޯންޑްރިން އާއި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނުގެ ދަށުންނެވެ.

ޔާމީންގެ މައްޗަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމް އެ މަނިކުފާނުގެ ފަރާތުން ވަނީ މިދިޔަ ހަފްތާގައި ހައި ކޯޓުގައި އިސްތިއުނާފްކޮށްފަ އެވެ.