Last Updated: April 18, 22:36
Thursday, April 18, 2024
ޚަބަރު

ނަޝީދު ނެތި އިންތިހާބު ކާމިޔާބު ކުރަން މާ ފަސޭހަވާނެ

އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ނެތި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އަންނަ ރިޔާސީ އިންތިހާބު ކާމިޔާބު ކުރަން މާ ފަސޭހަވާނެ ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީން ނާކާމިޔާބުވުމާ ގުޅިގެން ނަޝީދު މިހާރު ގެންދަވަނީ އެމްޑީޕީގެ ތެރޭގައި "ފިކުރެއްގެ ދިރުން" ނަމުގައި ވަކި ފެކްޝަނެއް ހިންގަވަމުންނެވެ. އެ ފެކްޝަނުން މިހާރު މަސައްކަތް ކުރަމުން އަންނަނީ ޖުމްހޫރީ ޕާޓީން ނެރޭ ރިޔާސީ ކެންޑިޑޭޓާއެކު މަސައްކަތްކޮށް މެނިފެސްޓޯއެއް އެކުލަވާލުމަށެވެ.

ދައުލަތުގެ މީޑިއާގައި ވާހަކަދައްކަމުން މޫސަ ވިދާޅުވީ ނަޝީދު ނެތި އިންތިހާބު ކާމިޔާބު ކުރަން މާ ފަސޭހަވާނެ ކަމަށާއި ފިތުނަ އުފައްދާނެ މީހަކު ކައިރީގައި ބެހެއްޓުން މުހިއްމު ނޫން ކަމަށެވެ. އަދި ނަޝީދަށް ނެގުނު ވޯޓެއް އޭނާ ވެސް ނަގާނެ ކަމަށާއި އެންމެ ބޮޑު ވަރަކަށް ވެސް ނަޝީދަށް އެމްޑީޕީ ތެރެއިން ގެއްލުވާލެވޭނީ 300 ވޯޓު ކަމަށް މޫސަ ވިދާޅުވި އެވެ.

"ލާހިކެއް ނޫން އެއަށް ވުރެ އިތުރަށް ގެއްލުވާލާކަށް. ހަމަ ޗެލެންޖްކޮށްފައި މި ދަންނަވަނީ. އަޅުގަނޑު ހޯދައިދޭން އެ ގެއްލޭ ކޮންމެ ވޯޓަކަށް 10 ވޯޓް. ބައްލަވާ 100 ވޯޓު ވިޔަސް ހެޔޮ، 3،000 ވޯޓު އިތުރުކޮށްދޭނަން އަޅުގަނޑު އެކަނި." މޫސަ ވިދާޅުވި އެވެ.

ނަޝީދަކީ މިހާރު ރާއްޖެ އަށް "ޗޮއިސެއް" ނޫން ކަމަށާއި ނަޝީދު މިހާރު ދަނީ އަމިއްލަފުޅަށް ސިޔާސީ މައިދާނުން ފެއިލްވެ ހަލާކުވަމުން ކަމަށް މޫސަ ވިދާޅުވި އެވެ. އަދި ނަޝީދު ކިތަންމެ ބާރަށް ހަޅޭލެވިޔަސް އެއީ ޗެލެންޖެއް ނޫން ކަމަށާއި ނަޝީދު މިހާރު އުޅުއްވަނީ އެމަނިކުފާނާ އެކު ރައީސް ސޯލިހު މަޝްވަރާ އަށް ވަޑައިގަންނަވާތޯ ބެލުމަށް ކަމަށްވެސް މޫސަ ވިދާޅުވި އެވެ.

"އަޅުގަނޑު ދެންނެވިން ރައީސަށް، މަޝްވަރާކޮށްގެން ގެންނަ ވަރުގެ މީހެއް ނޫނޭ. އޭނަ އަތުން ގެއްލޭ ކޮންމެ ވޯޓަކަށް 10 ވޯޓު އަޅުގަނޑު ހޯދާނަމޭ." މޫސަ ވިދާޅުވި އެވެ.